ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

އެންމެ ފަހުން ފަސް އަހަރު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ފާތިމަތު ދީމާ އަލީގެ ރެކޯޑް ނިމުމަކަށް ގެނެސް އައިޝަތު ރަފާ ނާޒިމް އަނެއްކާ ވެސް ގައުމީ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފަސް އަހަރު ވެސް ދީމާ ގައުމީ ތަށި އުފުލާލީ ފައިނަލުގައި ރަފާގެ މައްޗަށް ކުރިހޯދައިގެންނެވެ. އެކަމަކު، ހެންވޭރު މުނިއުފާ ޓީޓީ ހޯލުގައި މިއަދު ކުރިއަށްދިޔަ ފައިނަލުގައި، ދީމާގެ މައްޗަށް ރަފާ ކުރިހޯދީ، ސީދާ ހަތަރު ގޭމުންނެވެ. ރަފާގެ ފަރާތުން ތަފާތު ރޫހެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ، 11-09، 11-09، 11-06 އަދި 15-13 އިންނެވެ. މި މެޗުގެ އެކި ސެޓުތަކުގައި ދީމާ ހިތްވަރުކޮށް މެޗުގެ ތެރެއަށް އަންނަން މަސައްކަތް ކުރި ނަމަވެސް ރަފާ ވަނީ ހިތްވަރު ދައްކައި މޮޅު ކުޅުމަކާ އެކު މި ކާމިޔާބީ ހޯދައިފަ އެވެ.

މިއީ، ރަފާ، ގައުމީ ތަށި ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ރަފާ ވަނީ 2017 އާއި 2018 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިނގިރޭސިވިލާތުގައި އެމްބީބީއެސް ކިޔަވަމުން އަންނަ ރަފާ، ބްރޭކުގައި ޓީޓީ ޕްރެކްޓިސް ކުރަމުން އައިސް ރަނގަޅު ލެވަލެއްގައި ކުޅެ، އަލުން މި ވަނީ ގައުމީ ތަށި ހޯދައިފަ އެވެ.

ދުވަސްކޮޅަކަށް ކުޅުމާ ދުރުގައި ހުރެފައި ރާފާ ކުޅުނު ފުރަތަމަ މުބާރާތުގެ ފައިނަލުގައި ވެސް ފެނިގެންދިޔައީ ފޯމުގައި ކުޅެ ތަފާތުދެއްކި ތަނެވެ. އެގޮތުން ފުރަތަމަ ދެސެޓު ރަފާ ކާމިޔާބުކުރީ އެވެ. މިމެޗުގައި ދީމާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔުމުގެ ނަތިޖާއެއް ގޮތުން ތިންވަނަ ސެޓުގައި ތަފާތު ބޮޑުކޮށް ރަފާ ސެޓު ކާމިޔާބުކޮށް މެޗު ނިންމާލުމަށް އިތުބާރު ބޮޑުކުރިއެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *