ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖަހައި ގާޑު މައުންޓްކޮށްފި

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ޞަރަޙައްދުގައި މިއަދު ހެނދުނު 06:00ގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނަބަލުން ސާޖިދާ މުޙައްމަދު ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދުއާއި ސިފައިންގެ އިސްވެރިންނެވެ.

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އުތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދާއި، ވަޒީރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ ބޭކަލުން ބައިވެރިވެވަޑާއިގެންނެވިއެެވެ.

މި ރަސްމިއްޔާތު ފެށުނީ ރަސްމިއްޔާތު ފެށުމުގެ އިޒުނަ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވުމާއެކުއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި 8 ދިދަ ޖަހާފައިވާއިރު، މި 8 ދިދައިން ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިން ޢުދުވާނީ ޙަމަލާއި ދީނާއި ޤައުމު ދިފާޢުކުރުމަށް ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ.

މި ރަސްމިއްޔާތުގައިވަނީ ޝަހީދުވި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެސްފައެވެ. އަދި 7 ބަޑީގެ ސަލާމެއްވެސްވަނީ އަރުވާފައެވެ. ރަސްމިއްޔާތު ނިންމާލީ ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއްކުރުމަށްފަހު ސިފައިންގެ ރަސްމީ ލަވައިންނެވެ.

މިރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ސިފައިންގެ ޚިދުމަތުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރކުރައްވާފައިވާ ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންނާ ސަލާމްކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *