ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލުން ކުރިއަށްއޮތް ވޯލްޑް ކަޕުގައި ވާދަކުރާ ސްކޮޑު އިއުލާންކޮށްފިއެވެ.
ބްރެޒިލުން އެންމެ ފަހުން ވޯލްޑް ކަޕު ތަށި އުފުލާލާފައިވަނީ 2002 ވަނަ އަހަރުއެވެ. އެއަށްފަހު 2006، 2010 އަދި 2018 ވަނަ އަހަރުގެ މުބާރާތުން ކަޓާފައިވަނީ ކުއާޓާ ފައިނަލުންނެވެ. އަދި ވޯލްޑް ކަޕް 2014 ގައި ބްރެޒިލުން ހަތަރުވަނަ ހޯދިއެވެ.
ބްރެޒިލް އަކީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާ ހަމައެކަނި ޤައުމެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ބްރެޒިލް ވަނީ ޖުމްލަ ފަސް ފަހަރު ވޯލްޑް ކަޕް އުފުލާލައިފަ އެވެ. އެއީ 1958، 1962، 1970، 1994 އަދި 2002 ވަނަ އަހަރެވެ.
ބްރެޒިލް އަކީ އަބަދު ވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ނެރޭ ގައުމެކެވެ. ވޯލްޑް ކަޕް ކާމިޔާބުކުރި ކޮންމެ އަހަރަކު ވެސް، އެ ޤައުމުގައި ތިބީ ފުޓްބޯޅައިގެ ތާރީހުން ފާހަގަކުރެވޭ ކުޅުންތެރިންނެވެ.
މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕުގައި ބްރެޒިލް ހިމެނެނީ ސާބިއާ އާއި ސްވިޒަލެންޑް އަދި ކެމަރޭނާ އެއް ގްރޫޕެއްގައެވެ. ބްރެޒިލްގެ ފުރަތަމަ ޓާގެޓަކަށް ވާނީ ގްރޫޕު ސްޓޭޖު ފަހަނައަޅައި، ނޮކްއައުޓް ބުރަށް ދަތުރުކުރުމެވެ.
ބްރެޒިލް ޓީމުގެ ގޯލްކީޕަރުންގެ ގޮތުގައި ވާދަވެރި ދެ ކީޕަރުން ކަމަށްވާ އެލިސަން އާއި އެޑަސަން ވަނީ ހިމަނައިފައެވެ. އެ ދެ ކުޅުންތެރިންނަކީ ބްރެޒިލްގެ އެއް ނަމްބަރު ކީޕަރު ކަމަށް ވާދަކުރާނެ ދެ ކުޅުންތެރިންނެވެ. ތިންވަނަ ކީޕަރެއްގެ ގޮތުގައި ހިމަނާފައިވަނީ ވެވާޓަންއެވެ.
ޑިފެންޑަރުންގެ ގޮތުގައި ހިމެނި ކުޅުންތެރިންގެ ތެރެއިން ސެންޓްރަލް ޑިފެންޑަރުންނަށް ޓިޓޭ ބޭނުންކުރާނެ ކަމަށް ބެލެވެނީ ތިއާގޯ ސިލްވާ އާއި މާކީނިއޯސްއެވެ. ނަމަވެސް އެޑާ މިލިޓާއޯ އާއި ބްރެމާ އަކީ ވެސް ޔޫރަޕުގެ ބޮޑެތި ލީގުތަކުގެ ތަޖުރިބާ ހުރި ދެ ޑިފެންޑަރުންނެވެ.
އާސެނަލްގެ ގެބްރިއަލް މަގަލްހޭސް ޓީމުގައި ވަނީ ހިމަނާފައެވެ. އޭނާ ވަނީ އާސެނަލްގެ ޑިފެންސް ލައިނުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭގެ އިތުރުން ޑެނީ އަލްވޭސްއާއި އެލެކްސް ޓެލޭސްއަށް ވެސް ވަނީ ފުރުސަތު ދީފައިވެއެވެ.
މިޑްފީލްޑަރުންގެ ގޮތުގައި ނެގީ މެންޗެސްޓާ ސިޓީގެ ކަސެމީރޯ އާއި ފްރެޑް އެވެ. ޑިފެންސިވް މިޑްފީލްޑްގެ މަގާމަށް ލިވަޕޫލުގެ ފަބީނިއޯއަށް ވެސް ވަނީ ހިމަނާފައެވެ.
ވެސްޓް ހާމް ޔުނައިޓެޑްގެ ކްރިއޭޓިވް ކުޅުންތެރިޔާ ލޫކާސް ޕަކޭޓާ އަދި ނިއުކާސަލް ޔުނައިޓެޑްގެ ބްރޫނޯ ގުއިމަރޭސްއަށް ވެސް ވަނީ މެދުތެރެއިން ފުރުސަތު ދީފައެވެ.
ބްރެޒިލްގެ އެންމެ ފާހަގަކޮށްލެވޭ ފޯވަޑް ލައިނުން މިފަހަރުވެސް ޓީމުން ނޭމާ، ވިނީޝިއަސް ޖޫނިއާ، ގެބްރިއަލް ޖެސުސް، ރަފީނިއާ، އެންޓޮނީ، އަދި ރިޗާލްސަން ފަދަ ހުނަރުވެރި ފޯވަޑުންނަށް ވަނީ ފުރުސަތު ދީފައެވެ.
ފޯވަޑުންގެ ތެރޭގައި ރޮޑްރީގޯ އާއި ގެބްރިއަލް މާޓިނެލީ ވެސް ވަނީ ހިމަނާފައެވެ.
ބްރެޒިލް ޓީމުގެ ތަރި އަކީ ނޭމާ އެވެ. އުމުރުން މިހާރު 30 އަހަރުގެ ނޭމާ ވަނީ މި ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕަށް ވެދާނެކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ. ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއްގައި ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅޭނެ ކުޅުންތެރިޔެކެވެ.
ބްރެޒިލްގެ ކޯޗުކަމުން ޑުންގާ ދުރުކޮށް، ޓީޓޭ އަށް ކޯޗުކަން ދިނީ 2016 ވަނަ އަހަރުގެ ޖޫން މަހު އެވެ. ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލްގެ ނަތީޖާތައް ރަނގަޅުވި އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި ޖެހިޖެހިގެން ހަތް މެޗުން ބްރެޒިލް މޮޅުވި އެވެ. ވޯލްޑް ކޮލިފައިންގައި ބްރެޒިލް އިން ނެރުނު ރަނގަޅު ނަތީޖާތަކާއެކު، މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށްވެފައިވަނީވެސް ބްރެޒިލް އެވެ.
