Manchester United's Cristiano Ronaldo during the pre-season friendly match at Old Trafford, Manchester. Picture date: Sunday July 31, 2022. - Photo by Icon sport

މެންޗަސްޓަރ ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލައިފި

މެންޗަސްޓަރ ޔުނައިޓެޑުން އެކުލަބުގެ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން ނިންމާ އެކަން އިއުލާނު ކޮށްފިއެވެ.

މެންޗަސްޓަރ ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއުލާން ނެރުނު ވަގުތުން ފެށިގެން ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، މި ދެ ފަރާތުން ވާހަކަދެކެވިގެން ދެ ފަރާތުގެ ރުހުމާއެކު ނިންމި ނިންމުމެއް ކަމަށެވެ.

އަދި ދެ ފަހަރެއްގެ މަތިން މެންޗަސްޓަރ ޔުނައިޓެޑާއި ގުޅި، ކުލަބާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި 346 މެޗު ކުޅެދީފައިވާ ކަމަށާއި، މި މެޗުތަކުން ޖުމްލަ 145 ލަނޑު ކާމިޔާބު ކޮށްފައިވާކަން ފާހަގަކޮށް ޔުނައިޓެޑުގެ ބަޔާނުގައި ވަނީ ރޮނާލްޑޯ ކުލަބަށް ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

މެންޗަސްޓަރ ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ނިންމާފައި މިވަނީ، ކުލަބާއި އޭނާއާ ދެމެދު މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯގެ އެއްބަސްވުން އުވާލީ އޭނާގެ ކޮންޓްރެކްޓުގައި ބާކީ ހަތް މަސް އޮއްވަ އެވެ. އޭނާ ޔުނައިޓެޑްގައި ހުރީ ހަފްތާއަކު 500،000 ޕައުންޑްގެ މުސާރައަކަށެވެ. މިއާ އެކު ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ގައި ހިލޭ ޓްރާންސްފާގައި ކުލަބް ބަދަލު ކުރުމުގެ ފުރުސަތު ރޮނާލްޑޯ އަށް ވަނީ ލިބިފަ އެވެ.

"މެންޗެސްޓާ ޔުނައިޓެޑާ ދެމެދު ކުރެވުނު މަޝްވަރާ ތަކަށް ފަހު މިހާރު ކޮންޓްރެކްޓް އުވާލަން ދެފަރާތް އެއްބަސް ވެވިއްޖެ،" ރޮނާލްޑޯ ނެރުނު ސްޓޭޓްމަންޓެއްގައި ވެއެވެ.

"އަހަރެން މެންޗެސްޓާ ޔުނައިޓެޑާއި ސަޕޯޓަރުން ދެކެ ވަރަށް ލޯބިވޭ، އެކަން ބަދަލެއް ނުވާނެ. އެކަމަކު އަހަރެންނަށް ގަބޫލު ކުރެވެނީ މިއީ އާ ޗެލެންޖެއް ހޯދަން އެންމެ މުނާސަބު ވަގުތު ކަމަށް. ސީޒަންގެ ބާކީ އޮތް ބައިގަ އާއި ކުރިއަށް އޮތް ތާނގައި ވެސް ކުލަބަށް ކާމިޔާބަށް އެދެން."

މިއަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފަރ ވިންޑޯ އާއި ހަމައިން ރޮނާލްޑޯ އާއި ކުލަބާ ދެމެދު އައީ މައްސަލަތައް ޖެހެމުންނެވެ. އެއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ޔުނައިޓެޑަށް ގެއްލުމާއި ގުޅިގެން، އެކުލަބު ދޫކޮށް ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ލިބިފައިވާ ކުލަބަކަށް ރޮނާލްޑޯ ބަދަލުވާން އުޅޭތީ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

މި މައްސަލަ ބޮޑުވެ، އިތުރު މައްސަލަތަކެއް ފެންމަތިވާން ފެށީ، ކުލަބުގެ ކޯޗު ކަމާއި އެރިކް ޓެން ހާގް ހަވާލުވެ، މެޗުތަކަށް އޭނާ ނެރޭ ޓީމުގައި ރޮނާލްޑޯ ނުހިމަނާތީއެވެ.

ޕްރީ ސީޒަން މެޗުތަކާއި ޔުނައިޓެޑުން ކުރިމަތިލިއިރު، ރޮނާލްޑޯ ޓީމުގެ ފަރިތަކުރުންތަކުގައިވެސް އަދި މެޗުތަކުގައިވެސް ބައިވެރިއެއް ނުވެއެވެ.

އެންމެފަހުން ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލާކަން އިއުލާނު ކޮށްފައި މިވަނީ، ފީފާ ވޯލްޑް ކަޕުގައި ޕޯޗުގަލް ތަމްސީލުކުރުމަށް ރޮނާލްޑޯ ގަތަރުގައި ހުއްޓައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *