ވަރުގަދަ ސްޕޭން ބަލިކޮށް މޮރޮކޯ ކުއާޓަރ ފައިނަލަށް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީއިން މޮރޮކޯ މޮޅުވެ، ސްޕެއިން މުބާރާތުން ކަޓައިފިއެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި މެޗު ދެ ޓީމުންވެސް ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. ފުރަތަމަ 10 މިނެޓް ހިނގައިދިޔައިރު ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ސްޕެއިނުން ނަމަވެސް މޮރޮކޯއިން ދިޔައީ ކައުންޓަރ އެޓޭކްތަކުގައި ހަމަލާތައް އުފައްދަން މަސައްކަތް ކުރަމުންނެވެ. މޮރޮކޯގެ ކުޅުންތެރިންނާއި އަޅާބަލާއިރު ސްޕެއިންގެ ކުޅުންތެރިންނަކީ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ކަމުން މެޗުގެ ކޮންޓްރޯލް ވަރަށް އަވަހަށް އެމީހުން ވަނީ ނަގާފައެވެ.

މެޗުގެ 90 މިނެޓު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ކުއާޓަރ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށް ޖެހި އެއްވެސް ޕެނަލްޓީއެއް ސްޕެއިން ޓީމަށް ކާމިޔާބެއް ނުކުރެވުނެވެ. ޕަބްލޯ ސަރާބިއާ ޖެހި ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، ކާލޮސް ސޯލާ އާއި ކެޕްޓަން ސާޖިއޯ ބުސްކަޓްސްގެ ޕެނަލްޓީ މަތަކުރީ މޮރޮކޯގެ ކީޕަރު ބޯނޯއެވެ.

މޮރޮކޯގެ އަބްދުލްހަމީދް ސަބީރީ އާއި ހަކީމް ޒިޔެކްގެ ޕެނަލްޓީ ކާމިޔާބުކޮށް އިތުބާރު ހޯދި ނަމަވެސް ބަދްރު ބެނޫން ފޮނުވާލި ޕެނަލްޓީ ސްޕެއިންގެ ކީޕަރު އުނޭ ސިމޯން ވަނީ މަތަކޮށްފައެވެ. ނަމަވެސް އަޝްރަފް ހަކީމީ ވަނީ ވަރަށް އިތުބާރާއެކު ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލަށް މޮރޮކޯ ގެންގޮސްދީފައެވެ.

މޮރޮކޯ އިން ކުއާޓަރ ފައިނަލަށް ގޮސްފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. މުބާރާތުގައި މޮރޮކޯ ފުރަތަމަ ބައްދަލުކުރީ މިދިޔަ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އާއެވެ. މި މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުގައި މޮރޮކޯއިން ވަނީ 2-0 ގެ ނަތީޖާއަކުން ފީފާ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ބަލިކޮށްފައެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މޮރޮކޯ ވަނީ ކެނެޑާއާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ ގުރޫޕް ގެ 1 ވަނަ ހޯދާ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *