މޮރޮކޯ ބަލިކޮށް ވޯލްޑް ކަޕުގެ ތިންވަނަ ކްރޮއޭޝިއާއަށް

މޮރޮކޯ ބަލިކޮށް ކްރޮއޭޝިއާއިން ފީފާ ވޯލްޑް ކަޕް 2022 ގެ ތިންވަނަ ހޯދައިފިއެވެ. ގަތަރުގެ ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތްވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އިވާން ޕެރިސިޗްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސްކޯ ޔިވާޑިއޯއެވެ.

މޮރޮކޯ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޖަހައި ދިނީ އުމުރުން 18 އަޝްރަފް ދާރީ އެވެ. އޭނާ ލަނޑު ޖެހީ ހާކިމް ޒިޔެޝް ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މި ލަނޑަށްފަހު ކްރޮއޭޝިއާއިން ވަނީ އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ކެޕްޓަން ލޫކާ މޮޑްރިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ މޮރޮކޯގެ ކީޕަރު ޔަސިން ބޯނޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 18 ވަނަ މިނެޓްގައި ކްރޮއޭޝިއާއަށް ވަނީ ގޯލެއް ކާމިޔާބު ކުރާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޕެރިޝިޗް ނަގައިދިން ހުރަހަކުން ކްރަމަރިޗް ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ ކީޕަރު ބޫނޫގެ އަތަށެވެ. 24 ވަނަ މިނެޓްގައި މޮޑްރިޗްވެސް ވަނީ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ކީޕަރު ބޫނޫ ވަނީ މި ހަމަލާވެސް ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 42 ވަނަ މިނެޓްގައި އެ ލަނޑު ޖެހީ މިސްލާވް އޮރިޝިޗް އެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި އާޖެންޓީނާއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *