މެސީއާއި ނޭމާ ނުލައި ޕީއެސްޖީ ކުޅުނު މެޗުން ބަލިވެއްޖެ

ލިއޮނެލް މެސީ އާއި ނޭމާ ނުލައި ފްރާންސްގެ ޕީއެސްޖީ އާ އަހަރު ކުޅުނު ފުރަތަމަ މެޗުގައި ލެންސް އަތުން 3-1 އިން ބަލިވެއްޖެ އެވެ. ޕީއެސްޖީ އެންމެފަހުން މެޗަކުން ބަލިވީ މީގެ ނުވަ މަސް ކުރިންނެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ނުވަ ވަނަ ދުވަހު ފްރާންސް ލީގުގައި މޮނާކޯ އަތުން ޕީއެސްޖީ ބަލިވީ 3-0 އިންނެވެ.

މިއީ ޕީއެސްޖީ މި ސީޒަންގައި ބަލިވި ފުރަތަމަ މެޗެވެ. ލެންސް  މި ސީޒަން ގައި މިހާތަނަށް ބަލި ވެފައި ވަނީ އެންމެ މެޗަކުންނެވެ. މި ނަތީޖާއާ އެކު ޕީއެސްޖީ އާއި ލެންސް އާ ދެމެދު އޮތް ފަރަގު މިވަނީ ހަތަރު ޕޮއިންޓަށް ކުޑަ ވެފަ އެވެ.

ރޭގެ މެޗު ފަށައިގެން ލެންސް އިން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ފަސްވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ލެންސްއަށް ކުރިހޯދައިދިނީ ފްރާންކޮވްސްކީއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އެކިޓިކޭ ލަނޑުޖަހާ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ލެންސްއަށް ދެވަނަ ފަހަރަށް ކުރިހޯދައި ދިނީ އޮޕެންޑާއެވެ. ލީޑް ފުޅާކޮށްދިނީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ކްލައުޑޭ މައުރީސްއެވެ. އޭނާ ލަނޑު ޖެހީ ލެންސްގެ ދެވަނަ ލަނޑުޖެހި ލޮއިސް އޮޕެންޑާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ރޭގެ މެޗުގެ ކުރިން ކުޅުނު މެޗުގައި ރަތްކާޑު ދެއްކުމުން ޕީއެސްޖީގެ ތަރި ނޭމާ ހުރީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. ވޯލްޑް ކަޕް ކާމިޔާބު ކުރި ލިއޮނެލް މެސީ އަދި ވެސް ހުރީ ޗުއްޓީގަ އެވެ. މެސީ، ވަރަށް އަވަހަށް ޓީމާ ގުޅޭނެ އެވެ. ނަމަވެސް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ މި މެޗުގައި ވެސް ވަނީ ފުލްކޮށް ކުޅެފަ އެވެ.

ޕީއެސްޖީ އެއް ވަނައިގައި އޮތީ 17 މެޗުން ހޯދި 44 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން މޮޅުވުމުން ލެންސް ވަނީ 40 ޕޮއިންޓް ހަމަކޮށްފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *