ކުޑައިރުގެ ހަނދާންތަކަކީ ކުދިން ވަރަށް އުފާވާނޭ ކަންތައްތަކެވެ. އުފާވެރި އަދި ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ކޮންމެ ބެލެނިވެރިޔަކުވެސް ސަމާލުކަން ދޭންޖެހޭނީ ކުދިން ކުޑައިރު އެކުދިންނަކީ އުފާވެރިކަމާއެކު ބޮޑުވާ ކުދިންނަށް ހެދުމަށެވެ. އެއީ އެ ހަނދާންތަކުން ކުއްޖާގެ މުޅިއުމުރު ބައްޓަން ކުރެވޭ އަދި އެކުދިންގެ މުޅިހަޔާތަށް އަސަރުކުރާ ކަމަކަށް ވާތީއެވެ.
66 ޑިޓެކްޓިވް ވާހަކަ އަދި އެތައް ކުރުވާހަކައެއް ލިޔެފައިވާ އިގިރޭސިވިލާތުގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ އާގަތަރ ކުރައިސްޓީ ފާހަގަކުރާގޮތުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ނަސީބަކީ ކުޑައިރުގައި ލިބިފައިވާ އުފާވެރި ހަޔާތެކެވެ. މިއަދު އޭނާ ކާމިޔާބު މީހަކަށް ވެފައިވަނީ އެހަނދާންތަކުގެ ނަތީޖާއިންނެވެ.
ދިވެހިރާއްޖޭގެ މާހައުލަށް ބަލާލިކަމުގައި ވީނަމަވެސް ހަމަނުޖެހުމާއި، ޒުވާބުކުރުމާއި އަދި އާއިލާ ރޫޅިފައި ތިބޭކުދިން މުޖުތަމަޢުތެރޭގައި ތަފާތު މައްސަލަތަކާއި ކުރިމަތިލާންޖެހޭ ކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ކުދިންނަށް އުފާވެރި ހަނދާންތަކެއް އަދި ހަޔާތެއް ހޯދައި ދިނުމަށްޓަކައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭށެވެ.
ކުޅޭނެ ވަގުތު ދިނުން:
ކޮންމެ ކުއްޖެއްގެވެސް އެންމެ އަސާސީ ޒިންމާއަކީ ކުޅިވަރުކުޅުމެވެ. ކުޅިވަރުގެ ތެރެއިން ކަންކަން ދަސްކުރުމެވެ. މިޒަމާނުގައި ކުދިން މޮޅެތި މީހުންނަށް ހެދުމަށްޓަކައި ތަފާތު ކުލާސްތަކަށް ޓިއުޝަނަށް ގެންދިއުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިކުރުމަށް ބާރު އަޅާ މައިންބަފައިން ވަރަށް ގިނައެވެ. މިހުރިހާކަމެއް ހުރިނަމަވެސް ކުއްޖާއަށް އޭނާ ކުޅެން ބޭނުންވާނޭ ކުޅިވަރުކުޅުމަށް އޭނާ ބޭނުންވާ ވަރަށް ވަގުތު ދޭށެވެ. މިގޮތުންވެސް އެންމެ ރަނގަޅީ ގޭތެރެއިން ބޭރުގައި ކުޅޭ ކުޅިވަރުތަކުގައި ގިނަވަގުތު ހޭދަކުރުމެވެ. އިޖްތިމާޢީ ގުޅުންތައް ދަސްވުމާއި އަމިއްލަ ނަފުސަށް އިތުބާރުކުރަން ކުދިންނަށް ދަސްވުމުގެ އިތުރަށް ކުއްޖާ ޒިންމާދާރު ކުއްޖަކަށް ވުމަށްވެސް މިކަމުން ފުރުސަތު ލިބިގެންދެއެވެ.
ގޭތެރޭގައި ޒުވާބު ނުކުރުން:
ކޮންމެ ގެއެއްގައިވެސް މައްސަލަތައް ހުންނާނެއެވެ. ބޮޑެތިމީހުންގެ މެދުގައި ޖެހޭ މައްސަލަތަކަކީ ކުދިންނަށް އެނގެން ޖެހޭ ކަންކަމެއް ނޫނެވެ. ކުޑަކުދިންގެ ސިކުނޑިއަކީ ވަރަށް ބާރު ސްޕީޑެއްގައި ހެދިބޮޑުވަމުންދާ ގުނަވަނެއްކަމުން ގޭތެރޭގައި އެކަކު އަނެކަކާ ޒުވާބު ކުރާތަން ފެނުމުން އެކުދިންނަށް ނަފުސާނީގޮތުން ނުބައި އަސަރުތައް ކުރެއެވެ. އަވަސް އަވަހަށް ރުޅިގަދަވުމާއި ކުދިކުދި ކަންކަމުގައި ހާސްވެ ކަންބޮޑުވުމާއި ފަސޭހައިން ދެރަވާގޮތްވެސް ދިމާވެއެވެ.
ކުދިންނާއި އެހެންމީހުންނާއި އަޅާނުކިޔުން:
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. މިއަދު ރާއްޖޭގައި އެއްކުއްޖަކަށްވުރެ އަނެއްކުއްޖަކު މޮޅުކުރުމަށް މައިންބަފައިން އިންތިހާއަށް ބޭނުންވެއެވެ. ކޮންމެ ބެލެނިވެރިޔަކުވެސް ބޭނުންވަނީ އޭނާގެ ދަރިފުޅު އެންމެ ކާމިޔާބު ކުއްޖާއަށް ވުމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުއްޖާ ވަރަށް ޅައުމުރުގައި ވާދަވެރި މުޖުތަމަޢުއެއްގެ ތެރޭގައި ބޮޑުވުމަށް ޖާގަ ހޯދާދެވެއެވެ. އެހެންކުދިންނާއި އަޅާކިއުމުން ކުއްޖާއަށް ހިތާމަވެރި އިހުސާސްތަކެއް ކުރުވައެވެ. އަދި ކުއްޖާގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވެއެވެ.
ނައްސި ޚިޔާލުތަކުން ފައިދާ ނަގަން ދަސްކޮށްދިނުން:
ކޮންމެ ކުއްޖަކަށްވެސް ނައްސި ޚިޔާލުތަކާއި ކުރިމަތި ލާންޖެހެއެވެ. އަދި ކުއްޖާ ޅައުމުރުގައި މިފަދަ ޚިޔާލުތައް މެދުވެރިވެއެވެ. ގޭތެރޭގައި ވާކަމަކުން، ސްކޫލުގައި ވާކަމަކުން ނުވަތަ ދެބެންގެ ދެދަރީންނާއިއެކު އުޅޭ އުޅުމުގައިވެސް މިފަދަ ކަންކަން ދިމާވެއެވެ. ކުދިންނަށް އެކިއެކި ޚިޔާލުތައް ކޮންޓުރޯލް ކުރަން ނޭނގުމުގެ ސަބަބުން ރުޅިގަދަވުމާއި ހަސަދަވެރިވެވުމާއި އަދި ދެރަވުމާއި ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން ކޮންމެ ކުއްޖަކަށްވެސް ނައްސި ޚިޔާލުތަކެއް އައުމުން އެކަންކަމަށް ޢަމަލުކުރަންވީ ގޮތް ކިޔައިދޭށެވެ.
ކުދިންކުރާ މަސައްކަތުގެ އަގުވަޒަންކުރުން:
ކޮންމެކުއްޖަކުވެސް ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ބުރަ މަސައްކަތުންނެވެ. ބޮޑެތި މީހުންނަށް އޭނާ އެކުރާ މަސައްކަތަކީ ވަރަށް އާދައިގެ ކަމެއްކަމުގައި ހީވިޔަސް އޭނާ އެކަމެއް އެކުރަނީ އޭނާގެ އުމުރާއި އަޅާބަލާއިރު ނުހަނު ބޮޑު ކަމެކެވެ. ކުއްޖާގެ ވިސްނުމާއި ހަކަތައާއި އަދި ވަގުތު ހޭދަކުރަނީ އެ ކުރާކަމެއް ކާމިޔާބު ކުރުމަށެވެ. އެހެންކަމުން އެކުދިންގެ އެ މަސައްކަތަށް ތަޢުރީފް ކުރާށެވެ. ކުއްޖާއަށް ކުޑައިރު އުފާވެރި ހަޔާތެއް ލިބޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ.
