ކުށުގެ ރެކޯޑެއް އޮތަސް ވަޒީފާގެ ފުރުސަތު ލިބެން ޖެހޭ: ޕީޖީ

ކުށުގެ ރެކޯޑެއް އޮތަތީ ވަޒީފާ ނުލިބުމަކީ އިޖުތިމާއީ ގޮތުން ގެއްލުން ބޮޑު ސިޔާސަތެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ، ކުށުގެ މާހައުލުން ދުރުވާން މަސައްކަތް ކުރާ މީހަކަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ، ރަނގަޅު ސަޕޯޓް ސިސްޓަމެއް އޮތުން ކަމަށެވެ. އަޅައިލާނެ އާއިލާއަކާއި ރަހުމަތްތެރިންނާއި، އަމިއްލަ ފައިމައްޗަށް ތެދުވާން އެހީތެރިވާނެ ވަޒީފާއެއް، ނުވަތަ އާމްދަނީ ލިބޭނެ ގޮތެއް އޮތުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ބައެއް ފަހަރު، މީހުންނަށް ކުރެވޭ ކުށުގެ ސަބަބުން، އޭނާގެ އާއިލާގެ މީހުންގެ ނަފުރަތު ލިބޭ ކަމަށާއި، އެގޮތުން މަސްތުވާތަކެތީގައި ޖެހިގެން، މައިންބަފައިންގެ މުދަލުން ވައްކަންކުރެވިފައި އޮތްނަމަ، އާއިލާގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ފަހަރު އަންނަ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ބައެއް ފަހަރު ކުށް ކުރެވެނީ ނުބައި ރަހުމަތްތެރިންގެ ސަބަބުން ކަމަށާއި، ކުށުން ދުރުވާން އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ހާލަތުގައި ދާން އޮތީ ހަމަ އެ ނުބައި ރަހުމަތްތެރިންގެ ގާތަށް ކަމުން، އެމީހުންގެ ފަރާތުން ގޮސް އަނެއްކާވެސް ވަދެވެނީ ކުށުގެ މާހައުލުގެ ތެރެއަށް ކަމަށެވެ. ނަމަވެސް ދެން އޮތް އެއްޗަކީ ވަޒީފާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، ކުށުގެ ރެކޯޑެއް އޮތްނަމަ ވަޒީފާއެއް ނުލިބުމަކީ ރާއްޖޭގައި ނުލިޔެ އޮތް ގަވާއިދެއް ކަމަށެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނުގައި ވާ ގޮތުން ކުށުގެ ރެކޯޑެއް އޮވެގެން ވަޒީފާ ނުލިބުމާ ބެހޭ ގޮތުން އޮތީ ތިން ހާލަތެކެވެ. އެއީ:

  1. ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ސާބިތުވެ، ޙުކުމެއް ކުރެވިފައިވާ މީހެއްނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމް ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ ތިން އަހަރު ދުވަސްވެފައިވުން
  2. ޓެރަރިސްޓް ޖަމާޢަތަކަށް ނިސްބަތްވާ މީހަކަށްވުން
  3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް، ކުޑަކުދިންނާ މުޢާމަލާތުކުރަންޖެހޭ ވަޒީފާއެއް ނުދިނުން؛ މިއެވެ.

ޕީޖީ ވިދާޅުވީ، ސިވިލް ސާވިސްގެ ގަވާއިދުގައި ވަޒީފާއަށް މީހުން ޢައްޔަން ނުކުރެވޭ ކުށްތަކާއި ޢައްޔަން ނުކުރެވޭ މުއްދަތު ތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. ކުށެއް ސާބިތުވެގެން ވަޒީފާ ނުލިބޭން އޮތީ ތިން އަހަރެވެ.

ނަމަވެސް، ގަވާއިދުގައި ފަސް އަހަރަށް އެ މުއްދަތު ދަންމާލާފައިވާ ކަމަށާއި، ހަމަ އެގޮތަށް، ޖިނާއީ ބޮޑު ކުށާ ގުޅިގެން ވެސް، ގާނޫނުގައި އޮތް ތިން އަހަރު، ފަސް އަހަރަށް ގަވާއިދުން ދަންމާލާފައިވާކަން ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ.

ޕީޖީ ލިޔުއްވާފައިވަނީ ކުށުގެ ރެކޯޑަށް ބެލުމަށް ފަހު، ވަކި ކަހަލަ ވަޒީފާތަކެއް، ވަކި ކަހަލަ ކުށުގެ ރެކޯޑެއް ނުވަތަ ތުހުމަތެއް އޮތް މީހަކަށް ނުދިނުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެހެން ނަމަވެސް ކުދިކުދި ވައްކަން، ނުވަތަ އޭނާގެ ކުޑައިރު ދިމާވެފައި އޮތް، ލައިސަންސް ނުނަގައި ސައިކަލް ދުއްވުމުގެ މައްސަލައެއް އޮތަތީ، ދައުލަތުގެ އެއްވެސް ވަޒީފާއެއް ނުލިބޭ ގޮތް ވެއްޖެނަމަ، އެ މީހަކު އިޞްލާޙުވާން އޮތް ފުރުޞަތުން މަހުރޫމް ކުރެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *