ދީމާއަށް ރަން މެޑަލް ލިބުނުއިރު ރަފާއަށް ލިބުނީ ރިހި މެޑަލް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްއިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދައިފިއެވެ. މި ފަހަރުވެސް ރިހި މެޑަލް ހޯދީ އައިޝަތު ރަފާ ނާޒިމް އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގެ އަންހެން ސިންގަލްސް އިވެންޓުންވެސް ރަން އަދި ރިހި މެޑަލްވެސް ހޯދީ ރަފާއާއި ދީމާއެވެ. އެފަހަރުވެސް ރަން މެޑަލް ދީމާ ހޯދީ ފައިނަލުގައި ރަފާ ބަލިކޮށްގެންނެވެ.

ޓީޓީގެ ޓީމް އިވެންޓުން އަންހެން ޓީމުން ރަން މެޑަލް ހޯދި އިރު، މިކްސް ޑަބަލްސް އިވެންޓުންވެސް ރާއްޖެއިން ވަނީ ރަން މެޑަލް ހޯދައިފައެވެ. މިކްސް ޑަބަލްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ ރަފާއާއި މުހައްމަދު މުންސިފެވެ. މިކްސް ޑަބަލްސް އިން ރާއްޖޭގެ ދީމާއާއި މުހައްމަދު ޝައްފާންވެސް ވަނީ ލޯ މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން މިފަހަރު ޓީޓީ ފިރިހެން ޓީމުންވެސް ރިހި މެޑަލް ހޯދި އިރު، ރަފާއާއި ދީމާ ވަނީ އަންހެން ޑަބަލްސް އިވެންޓުންވެސް ރަން މެޑަލް ހޯދާފައެވެ.

ރަފާއާއި ދީމާ މިއަދު ކުޅުނު ފައިނަލު ފޯރިގަދަކޮށް ގޮސް ދީމާ ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ދެ ސެޓު ރަފާ 11-2، 12-14 އިން ގެންގޮސްފައިވާ އިރު، ދެން ޖެހިގެން އައި ހަތަރު ސެޓު ގެންދިޔައީ ދީމާއެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-9، 11-07، 11-8 އަދި 8-11 އިންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *