ވެރިރަށް މާލޭގައި މިރޭ ހަވާ އަރުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފިއެވެ.
ރާއްޖޭގައި ހަވާ އެރުވުމުގެ ކަންކަން އާއްމުކޮށް ކުރިއަށް ގެންދަނީ އެމްއެންޑީއެފް ސިފްކޯ ކުންފުނިންނެވެ
މިކަން ހާމަކުރައްވައި އެމްއެންޑީއެފުން ވިދާޅުވީ، "އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2023″ ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާއަރުވާނެކަމަށެވެ.
މިގޮތުން ހަވާ އަރުވަން ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. މި ހަރަކާތް އޮންނާނީ، ޢިއްޒުއްދީން ފާލަން ސަރަހައްދުގައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 10 މިނެޓެއް ހާއިރު ކަމަށެވެ.
ސިފްކޯ އިން ވަކިވަކިން ފަރުދުންނާއި، ކައުންސިލް، ކްލަބް ޖަމިއްޔާތަކަށް ހަވާ އަރުވާދޭ އަގަކީ މިނެޓަކަށް 1،000 ޑޮލަރެވެ. ރަށްރަށް ގެސްޓްހައުސްތަކަށް ކަނޑައާޅާފައި ވާ އަގަކީ މިނެޓަކަށް 1،500 ޑޮލަރެވެ. އަދި ރިސޯޓްތަކުގެ އަގަކީ މިނެޓަކަށް 3،000 ޑޮލަރެވެ.
