އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިޚާބު ކާމިޔާބު ނުކުރެވި، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ބުރެއް ޔަޤީންކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކުރައްވާފައެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯއްދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯއްދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ. ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކުރައްވާފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ ވޯޓުލި މީހުންގެ %7.18 އެވެ. އެއީ 15839 ވޯޓެވެ. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި އުމަރު ނަޞީރަށް ލިބިވަޑައިގެންނެވީ 6343 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %2.87އެވެ.
މި އިންތިޚާބުގައިޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %2.47އެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި އަޙްމަދު ފާރިސް މައުމޫނަށް ލިބިވަޑައިގަތީ 2979 ވޯޓެވެ. އެއީ %1.35 އެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ %0.86 ވޯޓެވެ. އެއީ 1907 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ޙަސަން ޒަމީލަށް ލިބިވަޑައިގަތީ 327 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %0.15 އެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ 282395 މީހުންގެ ތެރެއިން ވޯޓު ލާފައިވަނީ 225486 މީހުންނެވެ. އަދި މީގެ ތެރެއިން ސައްޙަ ވޯޓަކީ 220651 ވޯޓެވެ. 4835 ވޯޓަކީ ބާޠިލު ވޯޓެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާގޮތުގައި މިއަހަރަކީ އެންމެ މަދުން ވޯޓުލީ އިންތިޚާބެވެ. މިގޮތުން މިއަހަރުގެ އިންތިޚާބުގައި ވޯޓު ލާފައިވަނީ %79 މީހުންކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
