ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މިއަދު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. އޭގެ ތެރެއިން 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ.

ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒަށް ވަނީ 54.04 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 129159 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 45.96 އިންސައްތައެވެ. އެއީ 109868 ވޯޓެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވުރެ މުއިއްޒު އުޅުއްވަނީ 19291 ވޯޓު ކުރީގައެވެ.

މި މަހު ނުވައެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާއަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ކެމްޕެއިނުގައި އެންމެ ބޮޑަށް ދެއްކެވީ އަމާންކަމާއި ހަމަޖެހުން ގެނެސްދެއްވާނެ ކަމާއި، އަނިޔާވެރިކަމަށް އެނބުރިދާން ބޭނުން ނުވާންވީ ވާހަކައެވެ.

މުޢިއްޒުގެ މައިގަނޑު ވަޢުދަކަށްވީ، މިނިވަންކަން ދިފާޢު ކުރައްވައި، ދެ ފުށް ފެންނަ ސަރުކާރެއް ޤާއިމު ކުރުމެވެ. އަދި ގެދޮރުވެރިކަމުގެ ސިޔާސަތު އިސްކުރައްވައި، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހައި ރައްޔިތުން ގެދޮރުވެރި ކުރުވާނެ ކަމަށް މެނިފެސްޓޯގައި ވަނީ ހިމަނުއްވައިފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރޫޙު ވަރުގަދަކޮށް، މީގެ ކުރިން ފެނުނު ރަށްތަކުން ވެސް ނޫނެކޭ ބުނިއިރު، މުޢިއްޒު ވެވަޑައިގެންފައި މިވަނީ، ރިޔާސީ އިންތިޚާބެއްގައި ފުރަތަމަ ބުރާއި ދެވަނަ ބުރު ވެސް ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށެވެ. މިއީ ތާރީޚީ މޮޅެކެވެ.

މީގެ އިތުރުން، ފަހު ވަގުތު ހިންގާ މަޝްރޫޢުތަކާއި، ވެވަޑައިގަންނަވާ ވަޢުދުތަކަށް ރައްޔިތުން ނުހެއްލޭނެކަން ވެސް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބުނެދީފިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *