ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޮސްޓްރޭލިއާ ސަރުކާރުން ދެއްވައިފިއެވެ. އޮސްޓްރޭލިއާގެ ސަފީރު މިޔަގީންކަން ދެއްވީ އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި، ޑރ. މުޢިއްޒުގެ ރިޔާސީ ދައުރުގައި، އޮސްޓްރޭލިއާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އޮސްޓްރޭލިއާއާއި ދިވެހިރާއްޖެއާއި ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަކުރެއްވިއެވެ
އަދި ތަޢުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވައި، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. ފެށިގެންދާ އާ ދައުރުގައި މި ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.
ސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ. އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ "ޕްރޯ-މޯލްޑިވްސް" ޚާރިޖީ ސިޔާސަތަށް ތަޢުރީފުކުރެއްވިއެވެ.
