ދަތުރުފުޅުތަކަށް ހިނގާ ޚަރަދު 15 ދުވަސްތެރޭ ޢާންމުކުރައްވަން ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ކުރާ ހޭދަ ހާމަކުރައްވަން އެމަނިކުފާނު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސްގެ މި ނިންމެވުމަކީ، ރަސްމީ ދަތުރުފުޅުތަކުގެ މަޢުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ ނިންމެވި ނިންމެވުމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީވިލާތަށެވެ. އެދަތުރުފުޅުގައި ވަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން އެޤައުމުގެ ރައީސް ދެއްވާފައެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މިދިޔަ ބުދަ ދުވަހު ވަޑައިގަތީ މިހާރު ޔޫއޭއީގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ސަމިޓުގެ ތެރެއިން ޔޫއޭއީގައި ހުންނަވައި އެމަނިކުފާނު ވަނީ ގައުމުތަކުގެ ބޮޑުންނާއި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ބާއްވަވަމުންނެވެ. އެގޮތުން މިހާތަނަށް ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރުގެ އިތުރުން ވެސް އެހެނިހެން ގައުމުތަކުގެ ބޮޑުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *