މަސްވެރިންގެ މައްސަލަތަކަށް މަޝްވަރާކުރަން "މަސްވެރިންގެ ގުންޒަރު" ފަށައިފި

މިއަހަރު ފާހަގަކުރާ 43 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މަސްވެރިންގެ ގުންޒަރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުއަހްމަދު ޝިޔާމް އިފުތިތާހު ކޮށްދެއްވައިފިއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ކ. މަނިޔަފުށީގައި ހުންނަ މެރިން ރިސާޗް ފެސިލިޓީގައި، ސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ "އޯޝަން އެކްސްޕްލޯރރސް" ހަރަކާތް ބައްލަވާލެއްވުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވިގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ، ޒުވާނުން އެދާއިރާއަށް ވަނުން މަދުވުމުގެ ސަބަބުންކަމަށާއި،  ޒުވާނުން މިދާއިރާއަށް ނެރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

ސްކޫލް ދަރިވަރުންނާއި މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދުގެ ބޮޑު ބައެއް މަސްވެރިކަމުގެ ސިނާއަތްވެސް ހިއްސާކުރާކަމަށެވެ. މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުން މަދުކަމަށާއި، މި ސިނާޢަތް ކުރިއަރުވައި ތަރައްޤީކުރުމަށް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންގެ އަދަދު އިތުރުކުރަންޖެހޭކަަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ސިނާއަތުގެ ކުރިއެރުމަށް ޒުވާނުން އަހުލުވެރިކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ޒުވާން ބޭފުޅުން މި އިންޑަސްޓްރީގައި ހަރަކާތްތެރިވާލެއް މަދުވާތަން ފެނޭ. ދެން އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންވެސް ޕޮލިސީ ލެވެލްގައި އެފޯޓެއް ލައިގެން އިރާދަކުރެއްވިއްޔާ މި ސިނާއަތުގައި ޒުވާން ކޮންމެ ބޭފުޅަކަށް ކޮންޓްރިބިއުޓް ކުރެވޭނެ." މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ބޭރު މީހުންގެ އަތްމައްޗަށް ގޮސްފައިވާކަމަށެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާޢަތަށް ދިވެހި ޒުވާނުން ތަމްރީންވެ އެ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ގެންގުޅުމަށް މެރިން ރިސާޗް ފެސިލިޓީއަށް ޒިޔާރަތްކުރި ސުކޫލުތަކުގެ ދަރިވަރުންގެ ކިބައިން ވަޒީރު އެދިވަޑައިގެންނެވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *