* އަސްއަދު ރިޒާ އާއި ޢަލީ ޞާލިޙްގެ ނަން ވަނީ އަނބުރާ ގެންގޮސްފައި.
* ވޯޓްލުން މާދަމާ މެންދުރުފަހު
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމުގެ މަޤާމަށް މިހާރު ވާދަކުރަނީ ނިހާނު އާއި ސަޢީދު އެވެ.
ޖުމްހޫރީ ޕާޓީން ނައިބު ލީޑަރެއްގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި އިޤްބާލު އާދަމް އެޕާޓީން އިސްތިއުފާދެއްވުމުންނެވެ. އިޤްބާލަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިހާރުގެ މިނިސްޓަރެކެވެ. ޖުމްހޫރީ ޕާޓީގައި 5 ނާއިބު ލީޑަރުން ތިއްބަވައެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތިލެއްވީ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކާއި، ޓުރިޒަމް މިނިސްޓަރުގެ ކުރީގެ ނައިބު އަސްޢަދު ރިޒާއާއި، އެޕާޓީގެ ކައުންސިލް މެންބަރު މުޙައްމަދު ސަޢީދާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން ޢަލީ ޞާލިޙެވެ. މި ހަތަރު ބޭފުޅުންގެ ތެރެއިން އަސްއަދު ރިޒާ އާއި ޢަލީ ޞާލިޙްގެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ.
ޖުމްހޫރީ ޕާޓީން ބުނީ، ހުސްވެފައިވާ ނައިބުގެ މަޤާމަށާއި، ހުސްވެފައިވާ އެޕާޓީގެ އެހެން މަޤާމުތަކަށް ބޭފުޅުން އައްޔަންކުރުން މާދަމާ ކުރިއަށް ގެންދާނެކަމަށެވެ. މާދަމާ މެންދުރު ފަހު 14:00ގައި ބާއްވާ އެ އިންތިޚާބުގައި ވޯޓުލާނީ ހަމައެކަނި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންނެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި، އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ރަނިންމޭޓެއްގެ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަމީން އިބްރާހީމާއި، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝަހުގެ އިތުރުން އެޕާޓީގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަޢުދެވެ.
