ފައިލޭރިއާ ޖެހުނު މީހުންގެ ޢަދަދު 32 އަކަށް

މާލެ ސަރަހައްދުން އިތުރު ބަޔަކު ފައިލޭރިއާއަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 32 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ކުޅުދުއްފުށީގައި ހިންގުން ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކެމްޕޭންގެ ތެރެއިން ފައިލޭރިޔާގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ލަފަޔާއެކުގައި ފައިލޭރިޔާއަށް ސްކްރީން ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ކުރަމުންނެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން ކުޅުދުއްފުށިން ޖުމްލަ 439 ބިދޭސީ މީހުން ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. މީގެ ތެރެއިިން 25 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ދިވެހިންގެ ތެރެއިން 155 މީހުން ކުޅުދުއްފުށިން ބައްޔަށް ޓެސްޓުކޮށްފައިވާއިރު އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައެއްނުވެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 22 އަދި 23 ގައި މާލޭ ސަރަހައްދުގައި ކުރެވުނު ޓެސްޓުތަކުން ހުޅުމާލެއިން 5 މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާއިރު، މާލެއިން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ގުޅީފަޅުންވެސް ބިދޭސީއަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ މިހާތަނަށް 528 މީހަކު ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 496 މީހަކު ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ޓެސްޓުކުރި ބިދޭސީންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޓެސްޓުކުރި 89 މީހަކާއި، ކުޅުދުއްފުށިން ޓެސްޓުކުރި 439 މީހެކެވެ.

އެޗްޕީއޭއިން ބުނީ، ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 މީހަކާއި، އިންޑިއާގެ ބިހާރުގެ 18 މީހަކާއި، އިންޑިއާގެ ޓެމިލްނާޑޫގެ 1 މީހަކާއި އިންޑިއާގެ ގޯޕާލްގަންޖުގެ 1 މީހެއްގެ އިތުރުން ބަންގްލަދޭޝްގެ 2 މީހެކެވެ.

ފައިލޭރިއާއަށް ޕޮޒިޓިވްވާ މީހުންނަށް ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަނީ އެޗްޕީއޭގެ ބެލުމުގެ ދަށުންނެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިހާތަނަށް ޕޮޒިޓިވްވި ހުރިހާ އެންމެނަށް ބޭސް ދެވިފައިވާ ކަމަށެވެ.

ފައިލޭރިއާއަށް ޓެސްޓް ކުރުމުގެ މަސައްކަތް ދިވެހީންނާއި ބިދޭސީން ހިމެނޭހެން އެޗް.ޕީ.އޭއިން އަންނަނީ ފުޅާކޮށް ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *