ކުރިއަށް ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހާއްސަ އިނާޔަތްތަކެއް ހަމަޖައްސަވާނޭކަމަށެވެ. އެގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ނިންމަވާފައިވާކަމަށެވެ.
"މި ރޯދަމަހު އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ހިލޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން. އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މިއަންނަ އަހަރު އެއަށްވުރެ އިތުރުވެސް ކުރާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
