ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ޙާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރަމުންދާ ކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އާދަމް ނަޞީރު މިހެން ވިދާޅުވީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޅެންވެރިކަން ފުޅާކުރުމަށް ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ ތެރެއިން، ޅެމުން ނަފްސާނީ ޙާލަތްތަކުގައި ފަރުވާ ދެވޭތޯ ބެލުމަށް ދިރާސާއެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އާދަމް ނަޞީރު ވިދާޅުވީ ޅެމުން ފަރުވާދެވޭކަމަށް ބުނަނީ ޅެމަކީ އޭގެ ސަބަބުން ހިތްވަރު އާލާކުރުމާއި ފިކުރުތަކާއި ދުރުކޮށް ވޭން ކުޑަކުރުމާއި އުފާވެރިކަން ގެނުވާ ކަމަކަށްވާތީކަމަށެވެ.
އާދަމް ނަސީރު ވިދާޅުވީ ޤައުމިއްޔަތު އިއާދަކުރުމުގެ މަސައްކަތުގައި ޅެންވެރިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. ޅެންވެރިކަމަކީ ހަމައެކަނި މުނިފޫހިފިލުވުމާއި އިޙުސާސުތަކާއި ތޮޅިލުމުގެ ވަސީލަތެއް ނޫންކަމަށާއި، ޒަމާނުގެ ދިރާސާއިން އެނގޭގޮތުގައި ޅެންވެރިކަމަކީ އެއަށްވުރެ މާ ބާރުގަދަ ހަތިޔާރެއްކަމަށެވެ. ބޭރުގެ ޤައުމުތަކުގައި ޅެންވެރިކަމަކީ، މީހާގެ ނަފްސާނީ މައްސަލަތަކަށްވެސް ފަރުވާ ދޭ ވަސީލަތަކަށްވެފައި އޮންނަކަމަށާއި ބޭސްވެރިކަމެއްގެ ގޮތުގައިވެސް ޅެން ބޭނުންކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
މިފަރުވާ ދިނުމުގައި ދިވެހި ޅެންވެރިކަން ބޭނުންކުރެވިދާނެތޯ ބެލުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރައްވަން ނިންމަވާފައިވާކަމަށްވެސް އާދަމް ނަޞީރު ވިދާޅުވިއެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ޅެންވެރިކަމުގެ ދުވަހުގެ ޝަރަފުވެރިޔާ އަބްދުﷲ ޢަފީފްގެ ޅެންފޮތް "އަލިދޯދި"ވަނީ ނެރެފައެވެ. އަދި ޢަފީފުގެ ހަޔާތްޕުޅާއި ޚިދުމަތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއްވެސްވަނީ ދައްކާފައެވެ.
