ދެ ވުޒާރާއެއްގެ ވަޒީރުކަމުގެ މަގާމަށާއި ބަންޑާރަ ނައިބުގެ މަގާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށާއި، އެޓަރނީ ޖެނެރަލްގެ މަގާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ. މި ބޭފުޅުން ޢައްޔަން ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަންކުރެއްވީ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްކަމުގެ މަގާމަށް ޢައްޔަންކުރެއްވީ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދެވެ. އަދި އެޓަރނީ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވީ އަލްއުސްތާޛު އަޙްމަދު އުޝާމެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް ޢައްޔަންކުރެއްވި ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު މި ރަސްމިއްޔާތުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެ ދެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.


އަދި މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު އަޙްމަދު އުޝާމު މަޤާމުގެ ހުވައިކުރެއްވުން އޮތެވެ. އެޓަރނީ ޖެނެރަލްގެ މަގާމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައެވެ. އަދި ހުވައި ކުރެއްވުމަށްފަހު، ހުވައިގެ އިޤްރާރުގައި އެޓަރނީ ޖެނެރަލް ސޮއިކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 19 ވަޒީރަކަށް ރުހުންދިންއިރު ރުހުން ނުލިބުނީ  ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި އަލްއުސްތާޛު އަޙްމަދު އުޝާމު އަށެވެ.

ރައްޔިތުންގެ މަޖްލިސްގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމަށް ރުހުން ދޭން ފެންނަކަމަށް 30 މެމްބަރުން ވޯޓު ދީފައިވެއެވެ. ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްއަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދީފައިވެއެވެ.

އޭގެ އިތުރުން މިނިސްޓަރ ޑރ. ހައިދަރަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދީފައިވާއިރު، ރުހުން ދޭން ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދީފައިވެއެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނަނީ ކެބިނެޓް އައްޔަން ކުރުމަށް ފަހު ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. ވަޒީރަކަށް ރުހުން ނުދީފި ނަމަ ވާނެ ގޮތެއް ގާނޫނުއަސާސީގައި އަދި ގާނޫނެއްގައި ވެސް ނުބުނެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *