މެލޭޝިޔާގެ އާ ރަސްގެފާނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މެލޭޝިޔާގެ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުން، ރަސްގެފާނު ސުލްޠާން އިބްރާހީމްގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެ އާރޯވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދެޤައުމުން އެކުގައި މަސައްކަތްކޮށް ދެޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެކިއެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މެލޭޝިޔާގެ އައު ރަސްގެފާނު ސުލްޠާން އިބްރާހީމް ރަސްކަމުގެ ހުވާ ކުރައްވާފައި ވަނީ އެ ކަމަށް ޚާއްޞަކޮށްގެން ބޭއްވި ކުލަގަދަ އިޙުތިފާލެއްގައެވެ. މެލޭޝިޔާގެ ދަޢުލަތުގެ ނިޒާމު ބައްޓަންކޮށްފައި އޮތް ގޮތުން ރަސްކަމަކީ ރަމްޒީ ބާރެކެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި އެ ޤައުމުގެ ރަސްކަލުންގެ ބާރު އިތުރަށް ފުޅާކޮށް ނުފޫޒު ގަދަ ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މެލޭޝިޔާގެ 13 ސްޓޭޓެއްގައި ރަސްކަން ކުރަނީ ނުވަ ޝާހީ ޢާއިލާއަކުންނެވެ. އެ ޝާހީ ޢާއިލާތަކުގައި އަބަދުވެސް ރަސްކަން ކުރައްވަނީ މެލޭ ދަރިކޮޅުގެ ރަސްކަލުންނެވެ. މެލޭޝިޔާގައި އެ ނިޒާމުގެ ދަށުން ރަސްކަން ކުރަން ފަށާފައި ވަނީ އިނގިރޭސީންގެ އަތްދަށުން އެ ޤައުމަށް މިނިވަންކަން ލިބުނު ހިސާބުން ފެށިގެންނެވެ. ކޮންމެ ފަސް އަހަރަކަށް ފަހު ދެން އޮތް ދައުރަށް ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަންނަވާނެ ރަސްކަލެއް ކަނޑައެޅުމުގެ ބާރު އޮންނަނީ އެ ޝާހީ ޢާއިލާތަކުގެ މައްޗަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *