"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ދޫކުރަން ނިންމާފައިވާ 4000 ފްލެޓު ލިބުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޝަރުތު ފުރިހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވެއްޖެއެވެ.
އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާތަނަށް ހިންގި ތަހުގީގުން މައްސަލަ ނެތް ފޯމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ %20.7 ފޯމުވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފުރަތަމަ ދޭން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމުން ގިނަ ޝަކުވާތަކެއް ހައުސިންގ މިނިސްޓްރީ އާއި އޭސީސީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައެވެ. ނަމަވެސް މިހާރު އެ އެންގުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން 4،000 ފްލެޓް ދިނުމަށް ތިން ކޮޓަރީގެ ފްލެޓަށް 2،712 ފޯމާއި ދެ ކޮޓަރީގެ ފްލެޓަށް 1،188 ފޯމް ހުށަހަޅައިފައިވެ އެވެ. އަދި ކަސްޓަމްސްއަށް 100 ޔުނިޓަށް އެލޮކޭޓްކޮށްފައިވެ އެވެ.
އޭސީސީގެ ތަހުގީގު ޓީމުން ފާހަގަކުރި ގޮތުގައި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ހުށަހެޅި ފޯމްތަކުގެ ތެރެއިން 59.6 މީހުންގެ ޝަރުތު ހަމަނުވާއިރު ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާ 20.7 ޕަސެެންޓް ފޯމް ވެއެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަތައް ފާހަގަކުރެވިފައިވާ 19.7 ޕަސެންޓް ފޯމް ހިމެނެ އެވެ.
"އެގޮތުން 59.6 ޕަސެންޓް ފޯމްތަކަކީ ޝަރުތު ފުރިހަމަނުވި ނަމަވެސް، ފްލެޓް ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ ފޯމްތައް،" އޭސީސީން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޕޮއިންޓް ދިނުމުގައި އިތުރަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގައި މައުލޫމާތު ފުށުއަރާ ކަމަށް އޭސީސީން ވިދާޅުވިއެވެ. އެގޮތުން، ބައެއް ފަރާތްތަކުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުވާ ވަރަށް ލިޔެކިޔުން ހުށަހަޅާފައި ނުވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.
ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަޑައެޅުމުގައާއި ޕޮއިންޓް ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައި ނުވާކަންވެސް އޭސީސީން ފާހަގަކުރައްވައެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކުންނާއި ހުށަހަޅާފައިވާ މައުލޫމާތުން ވެސް ބައެއް ކެޓަގަރީތަކުން ޕޮއިންޓް ނުލިބޭއިރުވެސް އެ ކެޓަގަރީތަކުން ޕޮއިންޓް ދީފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
އޭސީސީން ބުނީ އެ ކޮމިޝަންގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު މި ކަންކަން ހިނގާފައި ހުރީ ގޯސް ނިޔަތެއް އޮވެގެންތޯ ނުވަތަ ނޫންތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފޯމްތަކުގެ ތެރެއިން މައްސަލަ ހުރި ފޯމްތައް އަލުން މުރާޖާކުރާނެ ކަމަށް އޭސީސީން ބުންޏެވެ.
