ހދ. މަކުނުފޫ އެއާޕޯޓް މިއަހަރު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނިމި، ދަތުރު ކުރަން ފެށޭނީ ކޮން އިރަކުންތޯ އޮޅުން ފިލުވުމަށް ހދ. މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު ރައީސް އާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އިފާސާ ވަނީ މަކުނުދޫއަކީ ދުރުގައި އެކަހެރިކޮށް އޮންނަ ރަށެއް ކަމުން ރައްޔިތުންނަށް ދަތުރު ފަތުރު ކުރަން އުނދަގޫކަން ފާހަގަކޮށްފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިފާސާ ފާހަގަކުރި ގޮތަށް މަކުނުދޫއަކީ އެކަހެރިކޮށް އޮންނަ ރަށެއް ކަމުން ދަތުރު ފަތުރު ކުރުމުގައި ދަތިތަކެއް އެރަށުގެ ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. އަދި އެރަށުގެ އެއާޕޯޓުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދިލައްވާ ގޮތަށް ކަމަށެވެ.
އެގޮތުން މިހާރު ވެސް 1500 މީޓަރުގެ ހަދަން އޮތް ރަންވޭ، 1800 އަށް ދިގު ކޮށްދިނުމުން، ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް އަޅުގަނޑުމެން މިބަލަނީ އެއާޕޯޓް ހުޅުވޭތޯ. އިރާދަކުރެއްވިއްޔާ މިއަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަކުނުދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ މިއަދު މެންދުރުފަހު ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަންކަމުގައި ފާހަގަކުރައްވައި، މަކުނުދޫ އެއާޕޯޓު ވީ އެންމެ އަވަހަކަށް ތަރައްޤީކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ކައުންސިލުންވަނީ މަގުތައް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރަ އިތުރުކޮށްދެއްވުމަށާއި، ރަށުގެ އިހުތިސާސުގެ ތެރެއަށް މަކުނުދޫގެ މުޅި ފަޅު ދެއްވުމަށް އެދިވަޑައިގެންފައެވެ.
