ސިފަހުތުރުވެފަ ޒަމާނީ ތަހްޒީބަށް ލޯބިނުކުރާތީ ވަރިކޮށް ފޮނުވާލަން މަންމަ މަޖުބޫރުކުރި އަނބިމީހާ ހަމައެމަންމައަށްވީ އަގުބޮޑު ޖަވާހިރަކަށް

އަޅުގަނޑު ކައިވެނިކުރީވެސް މަންމަގެ ނުރުހުމުގައެވެ. އަޅުގަނޑު ހީކުރީ ކައިވެނިކުރުމުން މަންމަގެ ވިސްނުން ބަދަލުވާނެ ކަމަށެވެ. ނަމަވެސް އެކަންވީ އެހެނަކުން ނޫނެވެ. ކައިވެނިކުރީއްސުރެ މަންމަ ދިއައީ ކައިވެނި ރޫޅާލައި ތަހްޒީބު ކުއްޖަކާ ކައިވެނިކުރަން ބާރުއަޅމުންނެވެ.

އަނބިމީހާގެ ކުށަކީ އޭނާއަކީ ރަށްފުށު ކުއްޖަކަށްވެފައި ސިފަ އެހައި ރީތިނޫންކަމެވެ. މިހާރުގެ ތަހުޒީބު ޤަބޫލުކުރަން ބޭނުން ނުވާ ކުއްޖެއްކަމެވެ. ކުރު ހެދުންލުމާއި ޕާޓީތަކަށް ދިއުމާއި ރެސްޓޯރަންޓްތަކުން ކެއުން ފަދަ ކަންކަން ކުރަން ބޭނުން ނުވުމެވެ. އޭނާ ބުނަނީ އެކަންކަމަށް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ގޭގައި ދެމަފިރިން އެކުގައި ވަގުތު ހޭދަކުރުމުން ލިބޭ އުފާ މާބޮޑުކަމަށެވެ. އަޅުގަނޑު އޭނާ އާއި ކައިވެނިކުރީ އޭނާގެ ވިސްނުމަށް ތާއީދުކުރެވޭތީއެވެ. އަދި އެ ސިފަތަކަކީ އަނބިމީހާގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތައް ކަމަށް ޤަބޫލުކުރާތީއެވެ. ނަމަވެސް އެގޮތް މަންމައަށް ކަމުނުދިއައީއެވެ.

އަޅުގަނޑު ވަރަށް ކުޑައިރު ބައްޕަ އަޅުގަނޑު ދޫކޮށްލާފައި ދިއުމުން ގެންގުޅެ ބޮޑުކުރީ މަންމައެވެ. ވީމާ މަންމަ މުސްކުޅިވި ދުވަހު މަންމަ ދޫކޮށްލާފައި ވަކިވެގެން ދިއުމަކީވެސް ކުރެވެން އޮތް ކަމެއް ނޫނެވެ. ބޮލުގައި އަބަދުކޮށާވަރުން ކެތް ނުކުރެވިގެން އެންމެ ފަހުން އަނބިމީހާ ދޫކޮށްލަން ނިންމީމެވެ. އަދި މަންމަ ދުނިޔޭގައި ހުއްޓައި އިތުރު ކައިވެންޏެއް ނުކުރަންވެސް ނިންމީމެވެ.

އެގޮތަށް އެކަންކުރަންވެގެން އެންމެ ގާތް ބައެއް މީހުންނާ މަޝްވަރާކުރީމެވެ. އެއިގެ ތެރެއިން ހެޔޮލަފާ މީހަކު ބުނީ އަޅުގަނޑުގެ އަނބިމީހާ ފަދަ އަނތބަކު ދޫކޮށްލަން ހެޔޮނުވާނެ ކަމަށެވެ. އަދި އޭނާ ދިން ނަޞޭޙަތަށް ޢަމަލުކުރީމެވެ.

އަޅުގަނޑުމެންގެ ކައިވެންޏަށް 2 ވަނަ އަހަރު މަންމަ ގާތުގައި އަނބިމީހާ ވަރިކޮށްލާފައި ފޮނުވައިލަނީކަމަށްބުނެ އަނބިމީހާ ގެންގޮސް ދުރު ސަރަޙައްދެއްގައި ބެއިންދީމެވެ. މަންމަގެ ބަސްތައް އަނބިމީހާއަށްވެސް އަބަދު އަޑުއިވޭތީ އަނބިމީހާ އެއިރު ހުރީ ހަދާނެ ގޮތްހުސްވެފައެވެ. އެކަން އެގޮތަށް ކުރީ އޭނާގެ ރުހުމާއިވެސް އެކުގައެވެ.

އެގޮތަށް ކަންތައް ކުރުމަށްފަހު މަންމަ ރުހިގެން ދެއްކި ޒަމާނީ އަންހެނަކާއި ކައިވެނިކޮށްގެން ގެއަށް ގެންދިއަތަނާ މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އޭނާ މަންމަ އާއި އަޅައެއް ނުލިއެވެ. ކޮޓަރި ދޮރުމައްޗަށް އަރާފައި ޙާލު އަހައިލުން ނޫންކަމެއް ނުކުރެއެވެ. އެއްވެސް ގޮތަކުން މަންމައަށް އެހީތެރިއެއް ނުވެއެވެ. އަނބިމީހާ ޢަމަލުކުރީ މަންމަ އެބުނާ ތަހުޒީބު މުޖުތަމައުގެ އަންހެނުން ކަންތައްކުރާ ގޮތަށެވެ.

ގެއަކު މަޑެއް ނުވެއެވެ. އަދި ރޭގަނޑުވެއްޖެނަމަ އޮންނަނީ އޭނާ ގޮވައިގެން އަޅުގަނޑަށް ވެސް ބޭރަށްދާންޖެހިފައެވެ. މަންމައަށް ގޭގައި އޮންނަން ޖެހެނީ ނުތެދުވެވޭ ޙާލުގައިވެސް އެކަންޏެވެ. ދުވަސްކޮޅަކަށްވެސް މަންމައަކަށް ކެތެއް ނުކުރެވުނެވެ. އަޅުގަނޑު ފެންނައިރަށް ކުރީގެ އަނބިމީހާގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. އޭނާ އާއިމެދު ކަންތައް ކުރެވުނު ގޮތާއިމެދު ދެރަވާ ވާހަކަ ބުނަން ފަށައިފިއެވެ.

ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އަވަސް އަވަހަށް ދެވަނަ އަނބިމީހާ ވަރިކޮށް ފޮނުވާލައިފީމެވެ. އަދި ކުރީގެ އަނބިމީހާ އަނބުރާ ގެއަށް ގެނެސްފީމެވެ.

އޭނާ ގެއަށް ގެނެވުމާއިއެކު މަންމައަށް ޚިދުމަތްކުރަން ފަށައިފިއެވެ. މަންމަ އެނދުން ނަގައި ކަސްރަތުކުރުވަން ފަށައިފިއެވެ. ބޮނޑިތާންކޮށްދިނުމާއި ތެޔޮ އުނގުޅައިދިނުން ފަދަ ކަންކަން ވެސް ކުރަން ފަށައިފިއެވެ. ސަމުސަލުން ލަވައިގެން ކާންދޭން ފަށައިފިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަންމައަށް އެކަނި ތެދުވެ ހިނގައި އުޅެވެން ފަށައިފިއެވެ. އެހިސާބުން މަންމަގެ ކަމަކަށް އޮންނަނީ އަނބިމީހާއަށް ދުވަހަކުވެސް ދެރަގޮތެއް ނުހަދަން އަޅުގަނޑަށް ވަޞިއްޔަތް ކުރުމެވެ.

އެވަރުންވެސް ފުދުނީއެއް ނޫނެވެ. މަންމަގެ ހުރިހާ ގަހަނާތައްވެސް އަނބިމީހާއަށް ދީފިއެވެ. އަބަދުހެން އުޅެނީ އަނބިމީހާ ރުއްސަންވެގެންނެވެ.

މިއީ އަހަރެންގެ ދިރިއުޅުމުގައި ކުރެވުނު ތަޖުރިބާއެވެ. އަހަރެން މިވާހަކަތައް ޑޯން ނޫހާއި ޙިއްޞާ މިކުރަނީ އަނބިން އިޚްތިޔާރުކުރާއިރު މިކަންކަމަށް ބަލައިގެން އިޚްތިޔާރުކުރާނަމަ ފައިދާކުރާނެ ކަމަށް ބުނުމަށެވެ. އަތުގައި ފައިސާ ހުރިނަމަ އުދުހޭނެ އަނބިން ބައިވަރެވެ. ނަމަވެސް އަންތބެއްގެ މަސްއޫލިއްޔަތު އަދާކުރާނެ އަނބިން ވަރަށް މަދެވެ. އަހަރެން ބުނާނީ އަހަރެންގެ އަނބިމީހާ ފަދަ އަންތބަކު ލިބިއްޖެނަމަ ދޫކޮށްލަން ހެޔޮނުވާނެ ކަމަށެވެ.

– އަޙްމަދު ޢަބްދުލްޤާދިރު / ލާހޯރު ، ޕާކިސްތާން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *