ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް އަތުލިޔުމުގެ މުބާރާތެއް ބާއްވަނީ!

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ސަރުކާރުގެ އޮފީސްތަކުގައި އެސެންބްލީއަކާއި އަތު ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ދިވެހިބަހުގެ އެކެޑަމީން ނިންމަވައިފިއެވެ.

ދިވެހިބަހުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރުގެ ދިވެހިބަހުގެ ދުވަހަށް އެކެޑަމީން ކަނޑައަޅާފައިވާ ޝިޢާރަކީ "ދިވެހިބަހުން ވިސްނަމާ"އެވެ.

ދިވެހިބަހުގެ އެކެޑަމީން ނެރުނު އިޢުލާނެއްގައިވަނީ މިއަހަރުގެ ދިވެހިބަހުގެ ދުވަސް ބައްދަލުވަނީ ރޯދަ މަހާ ގުޅިގެން ސަރުކާރުގެ އޮފީސްތައް 17 ވަރަކަށް ދުވަހަށް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާ ދުވަހާ ކަމަށެވެ. އެހެންކަމުން މިމަހުގެ 15 ވަނަ ދުވަހު ދިވެހިބަހުގެ ދުވަހަށް ޚާއްސަކޮށް އެސެންބްލީއެއް ބޭއްވުމަށް އެކެޑަމީންވަނީ ސަރުކާރުގެ އޮފީސްތަކުގައި އެދިފައެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ ދުވަހާ ގުޅުވައިގެން ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އަތުލިޔުމުގެ މުބާރާތެއް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ. އަދި އެސެންބްލީއާއި އަތުލިޔުމުގެ މުބާރާތުގެ ތަފްސީލުތައް އޮފީސްތަކާއި ވުޒާރާތަކަށް އެކެޑަމީން ވަނީ މިހާރު ހިއްސާކޮށްފައެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވި ގޮތުގައި އަތުލިޔުމުގެ މުބާރާތް ބާއްވަން ނިންމީ ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމަށް ކަމަށެވެ. އަދި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަކީވެސް މުބާރާތް ބޭއްވުމުގެ މަޤުސަދެއްކަމަށް އެކެޑަމީން ވިދާޅުވެއެވެ. އަދި މިމަހު 25 ވަނަ ދުވަހުގެ ކުރިން މުބާރާތަށް ލިޔުންތައް ހުށައަޅަންޖެހޭނެ ކަމަށާއި ވަނަ ހޮވާނީ އެކަމަށްޓަކައި އެކެޑަމީން ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށް އެކެޑަމީން މަޢުލޫމާތު ދެއްވައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *