މެޑިސިން ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ތިބެވޭނެކަމުގެ އުންމީދު އާވެއްޖެ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލްގެ ބަދަލުގައި އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެންގޮސް ދާއިމީ ހައްލެއް ފެންނަންދެން ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފްލޯ ބޭނުން ކުރެވޭނެ ފުރުސަތު ދީފައިވާ ކަމަށް ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބުނެފި އެވެ.

އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސްބޭފުޅުންނާ އައިޖީއެމްއެޗާއި ގައުމީ ޔުނިވާސިޓީގެ އިސްވެރިން ވެސް ބައިވެރިވި ކަމަށެވެ.

ސްކޫލް އޮފް މެޑިސިން އަށް ކިޔަވަމުން އަންނަ 200 އަށް ވުރެ ގިނަ ކުދިންގެ ކަންބޮޑުވުންތަކާ ގުޅިގެން، ރައީސް އޮފީހުގެ ކަމާ ގުޅޭ އިސްބޭފުޅުންނާ އެކު ރޭ ބޭއްވި ބައްދަލުވުމަށް ފަހު އުންމީދު އާ ވެއްޖެ ކަމަށް ދަރިވަރުންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.

އެ ބައްދަލުވުމަށް ފަހު އެ ޔުނިއަން އިން ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ރޭ ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި އައިޖީއެމްއެޗް އަދި އެމްއެންޔޫޫގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވިއިރު، ސަރުކާރުން މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ ކަމެއް ނުކުރައްޥާނެ ކަމުގެ ޔަގީންކަން ދިން އަރުވާފައިވާ ކަަމަށެވެ.

"ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެން، އެކަަމަށް އިސްކަން ދެއްވާކަމާއި، މިހާރަށްވުރެ ފުރިހަމަ ފެސިލިޓީއެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ. އަދި ސިއްހީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަންވެސް ފާހަގަކުރައްވާފައި ވެއެވެ،". އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުއްމީދު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވެފައި، މެޑިސިން ކިޔަވާ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގިފިލާގައި ތިބެވޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ދަރިވަރުންގެ ޔޫނިއަނުން ބުނީ މި މައްސަލައިގައި ދާއިމީ ހައްލަކާ ހަމައަށް ދިއުމަށް ވަގުތު ނަގާނެތީ, މިހާރު ވެސް ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *