ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޭ ލޯނު އެހީއަކާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސައުދީ ފަންޑުގެ ވެރިޔާ ސުލްޠާން އަލްމަރްޝާދު އެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެ ފަންޑުން 50 މިލިއަން ޑޮލަރު ދޭނެއެވެ. މި ލޯނުގެ އެހީގައި 150 އެނދުގެ 3 ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުލްޠާން އަބްދުއްރަހްމާން އަލް މަރުޝަދު ވިދާޅުވީ، ރާއްޖޭގެ އެކިއެކި މަޝްރޫއުތަކަށް އެހީވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ތިން ލޯނާއި އެކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ހޮސްޕިޓަލްތަކުގެ ސަބަބުން އެންމެ ރަނގަޅު ފަރުވާ ނުލިބޭ ރަށްތަކުގެ ރައްޔިތުންނަށް ވެސް އެފަދަ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހަމަޖައްސައިދޭނެއެެވެ. އަދި ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން 50 މިލިއަން ޑޮލަރުގެ އެހީއެއް ސައުދީ ފަންޑުން ފޯރުކޮށްދޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ފަންޑުގެ ސީއީއޯ ވިދާޅުވީ ވެލާނާ އެއާޕޯޓު ތަރައްޤީކުރުމަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ މީގެކުރިން ފޯރުކޮށްދީފައިވާ އެހީއަށް އިތުރުކޮށްދޭ އެހީއެއް ކަމަށެވެ.
މި އެހީއާއެކު ހަތް މިލިއަން ފަސިންޖަރުންގެ އެއާޕޯޓެއް ނިންމަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
