މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަންކަމުގެ އައިޝާ ނޫރުއައިން ޖަނާހު އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ޔަގީނެއް ނުވެ އެވެ. މިކަމުގައި އޭނާ އަދި ކޮމެންޓެއް ނުކުރައްވައެވެ
މިކަމާ ގުޅޭ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ނުލިބުނެވެ. ނަމަވެސް ނޫރައިންގެ އިސްތިއުފާ ޕީސީބީން ދޮގު ކޮށްފައެއް ނުވެ އެވެ.
ނޫރުއައިންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ދަރިކަނބަލުންނެވެ. އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމަށް ނޫރުއައިން އައްޔަން ކުރީ މިދިޔަ ޑިސެމްބަރު 27 ގައެވެ. ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ވައިސް ޗެއާކަން ވެސް ކުރައްވާ ނޫރައިންއަކީ ލީޑާޝިޕް ކޯޗިން އަދި ކޮންސަލްޓިންގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
މި ފަހުން ވަނީ ދުބާއީގައި އޮތް ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ހަވާސާގައި މީޑިއާ އަށް އިނގިރޭސި ބަހުން ދެއްވި އިންޓަވިއުއާ އެކުގައި ގިނަ ބައެއްގެ ތައުރީފު ނޫރައިނަށް ލިބިފައެވެ. އަދި ގިނަ ބައެއްގެ ތެރޭގައި ނޫރައިން މަގްބޫލް ވެގެން ދިޔައެވެ.
