މަޖިލިސް މެންބަރުން ހުވާކުރުން މާދަމާ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާނެއެވެ.

ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ހެނދުނު 9:00 ގައި ފެށުމަށް ވަނީ ތަޢާވަލުކޮށްފައެވެ. މި ރަސްމިއްޔާތަށްފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާ ޖަލްސާ 10:15 އަށް ތައާވަލުކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތީން، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު ކަމަށެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބަވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. ސިޔާމް މިހާތަނަށް ވަނީ މަޖިލީހުގެ 4 ދައުރު ފުރިހަމަކޮށްފައެވެ. އަދި ފަސްވަނަ ދައުރަކަށް ވަނީ އިންތިޚާބުވެވަޑައިގެންފައެވެ. މި ނިމިދިޔަ 19ވަނަ މަޖިލީހުގައި ވެސް ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ބޭއްވި ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ސިޔާމެވެ.

މާދަމާ މަސައްކަތް ފަށާ 20 ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެންބަރުން
ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ ރައީސް އިންތިޚާބުވުމާއެކު ޖަލްސާތަކުގައި ރިޔާސަތު ބަލަހައްޓަވާނީ ރައީސެވެ. އަދި ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންނަނީ ވަމުންނެވެ. އެގޮތުން، އަލަށް އިންތިޚާބުވި މެންބަރުން މަޖިލީހުގެ ވޯޓިން ސިސްޓަމަށް އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަނެއް ވަނީ ބާއްވާފައެވެ. އަދި މަޖިލީހުގެ އެކި ސެކްޝަންތަކުގެ އިސްވެރިން ވަނީ އެ ސެކްޝަންތަކުން މެންބަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ވެސް ހިއްސާ ކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *