މި ޒަމާނުގައި ކައިވެނިކުރުމަކީ ބައެއްފަހަރު ވަރަށް ބިރުގަންނަންޖެހޭ ކަމެކެވެ. އެއީ ގިނަފަހަރަށް ކައިވެނިކުރެވޭ މީހާގެ ހަގީގަތް ނޭނގި ކައިވެނީގެ ފަހުން ގިނަ ތަކުލީފުތަކެއް އުފުލަންޖެހޭތީއެވެ. މިހެންދިމާވާން ޖެހެނީ ގިނަ ގުޅުންތަކެއް އުފެދުން ފަސޭހަވެފައި ވުމެވެ. މީގެ އެތައް އަހަރެއް ކުރިން ލިބުނު މިނިވަންކަމަށް ވުރެ ބޮޑު މިނިވަންކަމެއް އަންހެނުންނަށް އިހުސާސް ކުރެވުމެވެ. ސޯޝަލް މީޑިޔާގެ ފަސޭހަކަމާއެކު މި ގުޅުންތަކަށް މާފަސޭހަ މާހައުލެއް ވަނީ އުފެދިފައެވެ. މިޒަމާނުގެ މި ހުރިހާ ބަދަލުތަކަކީ އިންސާނީ ކުރިއެރުމަށް އެކަށީގެންވާ ބަދަލުތަކެއް ނަމަވެސް، މިއީ ކޮންމެހެން ރައްޓެހިވުމަށް ނުވަތަ ކައިވެނި ކުރުމަށް އޮތް އެންމެ ރަނގަޅު ބަދަލުތަކެއް ނޫނެވެ.
ގިނަ މީހުން ވިހަ (ޓޮކްސިކް) ގުޅުންތަކުގައި ދެމި ތިބެނީ އެކި ސަބަބުތަކާ ހުރެ އެވެ. މުޖުތަމައު ދެކޭ ގޮތުގައި އެކަނި ދިރިއުޅެން ޖެހުމަކީ ވަރަށް ބޮޑު ގޯހެކެވެ. ވީމާ ހިތްހަމަ ނުޖެހުމާއި އަނިޔާތައް ލިބުނުކަމުގައި ވިޔަސް ކައިވެނީގައި ދެމިހުރެވޭތޯ ބަލައެވެ.
ގިނަ ފަހަރަށް މިހާރު ހުރި މީހާއަށްވުރެ ރަނގަޅުމީހަކު ނުލިބޭނެކަމަށް ހީކުރެވުންވެސް އެއީ އަނިޔާ ލިބޭ ދިރިއުޅުމެއްގައި އުޅެންޖެހޭ ސަބަބެއްކަމަށް މީހުން ގަބޫލުކުރެއެވެ. އަދި ކައިވެންޏަކަށް ރަނގަޅު މުޅިން އަލަށް މީހަކު ހޯދުމަކީ އުނދަގޫ ކަމެކެވެ. ތިމާ އެދޭކަހަލަ ފުރިހަމަ މީހަކު މިޒަމާނުގައި ހޯދުމަކީ ވަރަށް އުނދަގޫކަމެކެވެ. ރަނގަޅު ބައިވެރިޔަކު ހޯދުމަކީ އުނދަގޫ ކަމެއްކަމަށް އިހުސާސްކުރެވޭތީ މިހާރު ހުރި ބައިވެރިޔާއާއިއެކު ކިތަންމެ ގޮތެއް ހެދި ކަމުގައިވިޔަސް އުޅެވޭތޯ ބަލައެވެ. ވީމާ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައިވިޔަސް އެ ބައިވެރިޔާ ދޫކޮށްލުމަކީ، އަލުން ބައިވެރިޔަކު ހޯދުމަށްވުރެ ފަސޭހަ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.
"ވަކި ރަނގަޅު މާރަނގަޅު މީހަކު ހޯދާނީ ކިހިނެއް. ގިނަފަހަރު އެންމެ ރަނގަޅުވާނެހެން ހީވާމީހާއާއި ކައިވެނިކޮށް ކުދިންތަކެއް ލިބޭފަހުން މި އެނގެނީ އޭނާވެސް ގޯސްކަން." 56 އަހަރުގެ ޒުބައިރު އަލީ ފާހަގަ ކުރިއެވެ.
މީގެ އިތުރުން އަލުން މީހަކާއި ގުޅުން އުފައްދާ އެ ގުޅުން ކުރިއަށް ދިއުމަކީ ބުރަ ކަމެއް ކަމުގައި ބައެއްމީހުންނަށް ހީވެދެއެވެ. ވީމާ އިތުރަށް އުފާވެރި ގުޅުމެއް ހޯދުމަށް މަސައްކަތްކުރުމުގެ ޚިޔާލު ދޫކޮށްލައެވެ.
"ކިހިނެއް އެނގެނީ އަހަރެން ދެން އިންނަމީހާވެސް ހަދާނެގޮތެއް. މިހާރުވެސް ގޭގެ ހުރިހާކަމެއްކޮށް ގެއަށް ޚަރަދުކުރާއިރުވެސް އަހަރެންނަށްވާ ފައިދާއެއް ނޯވޭ. އެއްޗިހި ކިޔާލަންވީމާ ހިތުހުރިހާއެއްޗެއް ކިޔަންވީ ހަމަ." 42 އަހަރުގެ ނަސީމާ( އަސްލު ނަމެއްނޫން) ފާހަގަ ކުރިއެވެ.
ބައެއްމީހުންނަށް ހުރިހާ މާލީ އެހީތެރިކަމެއް ބައިވެރިޔާގެ ފަރާތުން ލިބޭއިރު، އެމީހަކާ ވަކިވާން ވިސްނުމަކީ އަމުދުން މިޒަމާނުގައި ބިރުވެރި ކަމަކަށް ވެދެއެވެ. އަދި ކައިވެންޏަށް ގިނަ ކުދިންތަކެއް ލިބިފައިވުމުން އެކުދިންގެ ހައްޤުގައި އޭނާގެ ދިރިއުޅުން ގުރުބާން ކުރާމީހުންވެސް މަދެއްނޫނެވެ.
މިއީވެސް ހަމަ ކަންބޮޑުވުމާއި ހާސްކަމުގެ ގުޅުމެއްގައި މީހުން ތިބެންޖެހޭ ސަބަބަކަށް ވެފައިވާކަމެކެވެ. ނަމަވެސް މީގެ މާނައަކީ އެއްވެސްމީހަކު އަނިޔާ ތަހައްމަލު ކުރުމުގެ ގޮތުން އަނިޔާލިބޭ ދިރިއުޅުމެއްގައި އުޅެން ނުޖެހޭކަމެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި އަނިޔާވެރި ގުޅުންތަކުން ނިކުމެ އަލުން އާހަޔާތެއް ފަށަން މީހުންނަށް އެހީތެރިވެދެއެވެ. އެކަމަށްޓަކައި ތަފާތު ޕްރޮގްރާމްތައްވެސް ހިންގައެވެ. އެމީހުން އެންމެ ރަނގަޅު ވަސީލަތްތައް ފޯރުކޮށް ނުދެވުންކަމުގައިވީނަމަވެސް ނުބައި ގުޅުމުން ނުކުމެ އަމިއްލަ ފައިމައްޗަށް ތެދުވަން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ރާއްޖޭގައިވެސް މިފަދަ ޕްރޮގްރާމްތައް ތައްޔާރުކޮށް އަނިޔާވެރި ގުޅުންތަކުގައި އުޅޭ މީހުން ސަލާމަތް ކުރާނެ ގޮތްތައް ހޯދަން ޖެހެއެވެ.