ރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަދު ހަވީރު 15:25 ގައި ރާއްޖެއިން ފުރި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދެވިއްޖެއެވެ.
ރާއްޖެއިން ދިޔަ ފުރަތަމަ ޙައްޖުވެރިން ދަތުރުކުރި ސައުދީ އެއަރގެ ފްލައިޓް ޖިއްދާގެ ކިންގ އަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ ރާއްޖެ ގަޑިން މިރޭ 21:00 ގައެވެ.
އެއަރޕޯޓުން ދެން ޙައްޖުވެރިން ދަތުރުކުރާނީ ބަހުގައި މައްކާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓަލަށެވެ. ސަރުކާރުން ވަނީ ޙައްޖުވެރިންނަށް ބޭނުންވާނެ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ސައުދީގައި އިންތިޒާމްކޮށްފައި ކަމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މައުލޫމާތުދެއްވައެވެ.
ރާއްޖޭގެ ޙައްޖުވެރީން ސަޢުދީއަށް ފުރާނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ގުރޫޕްގައި 272 ޙައްޖުވެރީން ވަނީ ސައުދީއަށް ގޮސްފައެވެ. އަދި އެމީހުންގެ އެހީތެރިންގެ ގޮތުގައި 26 މީހަކުވެސް ދިޔައެވެ.
ރާއްޖެއިން ޙައްޖަށްދާ މީހުންގެ ދެވަނަ ގުރޫޕު 330 ހައްޖުވެރިންނާއެކު ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. މި ގުރޫޕުގެ އެހީތެރިންގެ ގޮތުގައި 23 މީހުން ފުރާނެއެވެ. ތިންވަނަ ގުރޫޕު ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. މި ދުވަހު 316 ޙައްޖުވެރީން ފުރާނެއެވެ. މި ގުރޫޕުގެ އެހީތެރިންގެ ގޮތުގައި ފުރާނީ 23 މީހުންނެވެ. މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖުވެރީންގެ ކޯޓާއެވެ.
