ގިރާވަރު ފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް އެދި ހުށައެޅި މީހުންގެ ގުރުއަތު ނެގުން މިއަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ގިރާވަރު ފަޅުން މިދިޔަ ސަރުކާރުގެ ‘ބިންވެރިޔާ ސްކީމްގެ’ ދަށުން ގޯތި ލިބިފައިވާ މީހުންގެތެެރެއިން ގުޅީފަޅަށް ގޯތި ބަދަލު ކުރަން ބޭނުންވާ މީހުންނަށް ހުޅުވާލި ފުރުސަތުގައި އިއުލާންކުރި ގޯތިތަކަށްވުރެ އިތުރުވާތީ ބާއްވާ ގުރުވަތުލުން އަންނަ އަންގާރަ ދުވަހު 12 ޖަހާއިރު ދަރުބާރުގޭގައި އޮންނާނެކަމަށެވެ.
މިދިޔަ ސަރުކާރުން ގުޅިފަޅު ހިއްކަން ނިންމިވަރަށްވުރެ ބޮޑަށް މި ސަރުކާރުން ހިއްކާން ނިންމުމާ ގުޅިގެން ގުޅީފަޅުން އިތުރު 1،347 ގޯތި ދެވޭނެ ޖާގަ ލިބުމާ އެކު ހައުސިން މިނިސްޓްރީން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީ ފަޅަށް ގޯތި ބަދަލު ކުރަން އެދޭ މީހުން އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 2،210 މީހަކު ވަނީ ގޯތި ގުޅީ ފަޅަށް ބަދަލު ކުރުމަށް އެދި ހުށައަޅާފަ އެވެ.
