ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ އާ މެމްބަރުން މިއަދު ކަނޑައަޅައިފިއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޖުމްލަ ފަސް މެމްބަރުންނެވެ. އަދި އެ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށް ވެސް ގަވައިދުގައިވެއެވެ.
ދެ މެމްބަރެއްގެ މުއްދަތު ހަމަހަމަވެއްޖެ ނަމަ، އެފަދަ މެމްބަރުން ތަރުތީބު ކުރާނީ މެމްބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަން ދީގެން ކަމަށް މަޖިލިހުގެ ގަވައިދުގައިވެއެވެ. މި މިންގަނޑުތަކަށް ބަލައި، މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރުންގެ ނަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާން ކުރައްވައިފައެވެ.
މިގޮތުން ކަނޑައެޅި މެންބަރުންނަކީ، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި މާމިގިލި ދާއިރާގެ ގާސިމް އިބްރާހިމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިގެވެ.
މި މެމްބަރުންގެ ތެރެއިން އެމްޑީއޭގެ ލީޑަރުކަން ކުރައްވާ ސިޔާމް ވަނީ ފެބްރުއަރީ 27، 2005 އިން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި 19 އަހަރާއި ތިން މަސް ދުވަހު މަޖިލިހަށް ޚިދުމަތް ކުރައްވައިފައެވެ. މީގެއިތުރުން ގާސިމް އިބްރާހީމާއި އަޙްމަދު ސަލީމާއި އަބްދުލްޣަފޫރު ވަނީ މެއި 28، 2009 އިން ފެށިގެން މެދުނުކެނޑި 15 އަހަރު މަޖިލިހަށް ހިދުމަތް ކުރައްވައިފައެވެ. އަދި އަޙްމަދު ތޯރިގް ވަނީ މެއި 28، 2014 އިން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި 10 އަހަރު ވަންދެން މަޖިލިހަށް ޚިދުމަތް ކުރައްވައިފައެވެ.
