ޢީދު ފާހަގަކުރުމަށް މާލޭގައި ގިނަ ހަރަކާތްތަކެއް މިއަދު ހަވީރު ކުރިއަށް ގެންގޮސްފިއެވެ. ޢީދު ހަރަކާތްތައް ކުރިއަށްގެންދަނީ މާލޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެންނެވެ.
އެގޮތުން ޢީދުގެ ސަގާފީ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރުތައް ވަނީ ބާއްވާފައެވެ. ހެންވޭރުގައި ސޯސަންމަގާ މަޖީދީ މަގު ގުޅުނު ހިސާބުގައި ވަނީ ދަފިނެގުން ކުރިއަށްގެންގޮސްފައެވެ. އަދި ހެދިގޮނޑުދޮށުގައި ކުޑަކުދިންގެ ކުޅިވަރުތައް ހިމެނޭގޮތަށް ކުޑަކުދިންގެ ހަވީރު ވަނީ ބާއްވާފައެވެ.
ބޮޑު މަސް ބޭނުން އޮތީ އުސްފަސްގަނޑު ސަރަޙައްދުގައެވެ. މި ހަރަކާތުގައި ވަނީ އިހުޒަމާނުގައި ބޮޑު މަސް ބޭނުމުގައި ކަންތައް ކުރަމުން އައިގޮތުގެ ވާހަކައާއި އެކަން ކުރަމުން އައި ގޮތް ދައްކާލާފައެވެ.
މީގެއިތުރުން އެމްއެންޑީއެފުންވަނީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކުރިމަތީގައިވެސް ސަގާފީ ބޮޑު ބެރު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ގިނަ ހަރަކާތްތަކެއް ބާއްވާފައިވަނީ ރަސްފަންނު ސަރަޙައްދުގައެވެ. ރަސްފަންނުގައި ވަނީ ދެލި މާލި ނެރުމާއި ކޯޑި ކެނޑުމުގެ ކުޅިވަރު ބާއްވާފައެވެ. އަދި ކާށިދޫގެ ސަގާފީ އައިޓަމެއްކަމަށްވާ ލަނގިރީގެ ހަރަކާތް ވަނީ ބާއްވާފައެވެ
