އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާ ގޮތަށް އީދު ފާހަގަކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިޢުމަތެއް ކަމަށެވެ. އަދި ޢީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގައި ކަަމަށްވެސް ވިދާޅުވިއެވެ.
"ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިޢުމަތެއް. ޢީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގަ. އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތައް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް ލޮބުވެތި އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރަން." މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ޞަރަހައްދުތަކުގައި ތަފާތު ޙަރަކާތްތަކާއެކު ކޮންމެ އަހަރަކުވެސް އަޟްޙާ ޢީދު ފާހަގަކުރާއިރު ބައެއް ފަރާތްތަކުން ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ އަދި އިސްލާމީ ރިވެތި އުޞޫލުތަކާ ބީރައްޓެހި ހަރަކާތްތައްވެސް އިންތިޒާމުކޮށްގެން ކުރިއަށްގެންދާކަމަށްބުނެ އެކަމުގެ ޝަކުވާއާއި ބައެއް މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި އާންމުވެއެވެ.
މިފަދަ ކަންކަމާއި ގުޅިގެން ސަރުކާރުން ވަނީ ޢީދު ފާހަގަކުރުމުގެ ކަންކަން އިސްލާމީ އަދި ޒަމާނުއްސުރެ ދިވެހިން ފާހަގަކުރަމުންދިޔަ ތަރަހައިގެ ތެރެއިން ކުރިއަށްގެންދިއުމަށް ބާރުއަޅުއްވާފައެވެ.
އެގޮތުން އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
އަދި ޢީދުގެ އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށް އަޟްހާ ޢީދު ޚުތުބާގައިވެސް ވަނީ ބާރުއަޅުއްވާފައެވެ.
