ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ނިމުނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި އެކަމަކު ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިއީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ހައްޖަށް މީހުން ގެންދިޔަ ދެ ވަނަ ފަހަރު ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ އެހާ ބޮޑު ކަމެއްގައި ކިތަންމެ ބޮޑަށް ކަންކަން ފުރިހަމަ ކުރަން އުޅުނަސް އަމިއްލަ ކޮންޓްރޯލުން ބޭރުން އުނިކަން ހުންނާނެ ކަމަށެވެ.

"އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތާއި ރައްކާތެރިކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރިކަމާއި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިމަގުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ 1،150 އަށް ވުރެ ގިނަ މީހުންނާ އެކު ވަޑައިގެންނެވި ޝަހީމް ވަނީ ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އަންނަ އަހަރަށް އެ ކަންކަން ރަނގަޅު ކުރާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ޝަހީމް ވަނީ ޙައްޖާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ކެއުމާއި، ބަލި މީހުންނަށް މަތީ ދަރަޖައިގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދެވުނުކަން ފާހަގަކުރައްވާފައެވެ. އަދި ޙައްޖު މިޝަންގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ބަލި މީހުން ހިމެނޭހެން ހުރިހާ އެންމެންވެސް އަރަފާތަށް ގެންދެވުނުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި އެ ކުންފުނީގެ މުވައްޒަފުންނާއި އެހީތެރިން އަދި ހައްޖު މިޝަނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދިވެހި ހައްޖުވެރިންނަށް އެހީވި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *