ނިމިދިޔަ ހަތްމަސްތެރޭ 13 ބިލިއަން ރުފިޔާ ދައްކައި ޚަލާސްވެފައިވާކަމަށާއި އަދި ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ރޭގައި ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ގިނަޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަންކަން އިސްލާހުގެ މަގުން ގެންދިއުމަށް ދިވެހި ރައްޔިތުން ވިސްނަނީ ވަރަށް ވިސްނުންތެރިކަމާއެކަން މިވަނީ ހާމަވެފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަންކަން ބޮއްސުންލައިގެން ގޮސް ހަމަ މަގުން ނެއްޓި މިނިވަންކަން ބީވެ އިގުތިސާދު ފުން އަނދަވަޅަކަށް ވެއްޓުމުން ރައްޔިތުން ބޭނުންވީ "ދިވެހީން ރާއްޖެއަށް" ދިއުމަށް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުން ޕީއެންސީގެ ސަރުކާރެއް އޮތުމަށް ރައްޔިތުން ގަބޫލުކުރައްވައި މަޖިލިސް މެންބަރުން ހޮއްވަވައިދެއްވިކަމަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު އަދާކުރާކަމަށާއި ދެންއޮތީ ރައްޔިތުން އެދޭގޮތަށް ބާރުމިނުގައި ސަރުކާރުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ވެރިކަން ފެށުނު ފަހުން މި އަދަށް ހަތް މަހާއި ފަސް ދުވަސްވީއިރު, މި ހަތް މަހާއި ފަސް ދުވަސްތެރޭގައި ކަންކަން ކުރިއަށްދިޔައީ އިގުތިސާދީ އެޖެންޑާގައި އޮތް ގޮތަށް ކަމަށާއި ފެށި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށެވެ.
އަދި މީގެ އިތުރުން އިގުތިސާދީ ގޮތުން ކުރެއްވި އެންމެ މުހިންމު އެއްކަމަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަމަށާއި އަދި އެއީ ނުހަނު އުނދަގޫ ކަމެއްކަމުގައިވީހިނދުވެސް 7 ބިލިއަން ރުފިޔާ ލޯނު ދައްކައި ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ފައިސާ ޗާޕުނުކޮށް އާމްދަނީގެގޮތުގައި ލިބުނު ފައިސާއިން ތަރައްގީގެ މަސައްކަތްތަކާއި އަދިވެސް މުހިންމު ކަންތައްތައް ކުރަމުން ފައިސާ ދައްކަމުން, ބޭރުގެ ދަރަނީގަ ވެސް 2.7 ބިލިއަން ރުފިޔާ އެންމެ ލޯނެއް ވެސް ޑިފޯލްޓްނުވެ ވަގުތުން ދައްކަމުން މިއައީ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަކަމުގައިވާ އިގުތިސާދީ އަނދަވަޅުން މި ޤައުމު ސަލާމަތްކުރެއްވުމުގައި ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއިއެކު ކަންކަން ނިންމަވަން ޖެހޭނެކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.
