ކ. މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދި މައްސަލައިގައި ހިމެނޭ ކަރެކްޝަންސްގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ބޮޑު ނެޓްވޯކެއް ފުލުހުން ވަނީ ފަޅާ އަރުވާލައިފަ އެވެ. އެ ނެޓްވޯކްގައި ކަރެކްޝަނަލް ސާވިސްގެ 18 މީހުން ހިމެނޭ އިރު، އޭގެ ތެރެއިން 13 އޮފިސަރުން ހައްޔަރު ކުރި އެވެ. މި ހުރިހާ އޮފިސަރުންނަކީ ޖޫނިއާ ރޭންކްގައި ހިމެނޭ އޮފިސަރުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭގެ ތެރެއިން 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދު ކުރި އިރު، ދެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. ފުލުހުން ހައްޔަރުކުރީ މާފުށިން ނުވަ އޮފިސަރުންނާއި ކާށިދޫން ދެ އޮފިސަރުން އަދި އުތީމުންނާއި މާލެއިން ވެސް އެއް އޮފިސަރެވެ.
