6 ސަފީރަކު ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

6 ސަފީރަކު ސަފީރުކަމުގެ ފަތްކޮޅަށް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.

ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ، ލިއޯ ޓީޓޯ އެލް. އައުސަން، ޖޫނިއަރ، ދިވެހިރާއްޖެއާ ފިލިޕީންސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުގައެވެ. ފިލިޕީންސްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.

ކޮލޮމްބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ، ހިޒް އެކްސަލަންސީ ޑޮކްޓަރ ވިކްޓަރ އެޗެވެރީ ޖަރަމިލޯ، އެވެ. ދިވެހިރާއްޖެއާ ކޮލޮމްބިއާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުގައެވެ. ކޮލޮމްބިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.

އެރިޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ، ހިޒް އެކްސަލަންސީ އަލެމް ސަހާއި ވުލްދެމާރިއަމް އެވެ. ދިވެހިރާއްޖެއާ އެރިޓްރިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. އެރިޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ. އެރިޓްރިއާ ސަފީރު ހުންނެވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ނިއުދިއްލީގައެވެ.

ނޭޕާލު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ، ހިޒް އެކްސަލަންސީ މރ. ބަޝޫ ދޭވް މިޝްރާ އެވެ. ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. ނޭޕާލްގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ނޭޕާލުގެ ސަފީރު ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ، ޕެލްޕޮލަގެ ރަންގަ ސުޖީވާ ގޫނަވަރދެނާ އެވެ. ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.

އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ، ހިޒް އެކްސަލަންސީ ޑެމިއާނޯ ފްރެންކޮވިގް އެވެ. ދިވެހިރާއްޖެއާ އިޓަލީއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުގައެވެ. އިޓަލީއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.

މި ހުރިހާ ސަފީރުންވެސް ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެގައުމުތަކާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ހުރިހާ ބޭފުޅުންވެސް މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި  ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް، ޚާއްޞަކޮށް ޞިއްޙީ ދާއިރާއަށް މީހުން ތަމްރީނުކުރުމާއި، އިންވެސްޓްމަންޓް އިތުރުކުރުމާއި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމާއި، މެރިން ރިސާރޗް އިތުރަށް ފުޅާކުރުމާއި، މަތީ ތައުލީމުގެ ދާއިރާއިން ގުޅުންބަދަހި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް އެކުގައި މަސައްކަތް ކުރުމާއި އަދި އިޢާދަކުރުވެނި ހަކަތައިގެ ބޭނުން ކުރެވޭނެ ގޮތްތައް ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *