މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރަން އެހީތެރިވުމަށްޓަކައި، އިނގިރޭސިވިލާތުގެ އިތުރު އަސްކަރީ މަތިންދާބޯޓުތަކާއި އުޅަނދުތައް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށް، އެ ޤައުމުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެއެވެ.
ޖޫން 13ވަނަ ދުވަހު އީރާނަށް ޔަހޫދީ ފައުޖުން އިސްވެ ޙަމަލާދީ އީރާނުގެ ސައިންސްވެރިންތަކަކާއި އަސްކަރީ އިސް އޮފިޝަލުންތަކެއް ޝަހީދުކޮށްލިއެވެ. އޭގެ ރައްދުގައި އީރާނުން ވެސް ޒަޔަނިސްޓު އިސްރާއީލްގެ ސަރަޙައްދުތަކަށް ޑްރޯނާއި މިސައިލް ޙަމަލާތައް ފޮނުވާލައި، ބޮޑެތި ގެއްލުންތައް ދީފައެވެ.
ކެނެޑާގައި ބާއްވާ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން، ސްޓާމަރ ނޫސްވެރިންނަށް ވިދާޅުވީ، އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކާއެކު އަސްކަރީ އެހެން އުޅަނދުތައް ވެސް މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ.
އެއީ އެ ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރަން އެހީތެރިވުމަށް ތައްޔާރުވުމުގެ ގޮތުން ކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
