ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާއިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފިއެވެ. ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިިން ވިދާޅުވީ، ރާއްޖޭން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއިއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރ ކަމާއި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިިން ވަނީ ވިދާޅުވެފައެވެ.
ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމެވެ. އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން ފައިސާދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިިން ވިދާޅުވެއެވެ. މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެއެވެ. ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ.
ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ އަހަރުގެ އޮގަސްޓް, 25 ގައި އެއްކޮށް އުވައިލިއެވެ. އެކަމަކު، އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ބުނި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލުން ވަނީ ނިންމުން ބަދަލުކޮށްފައެވެ.
ރާއްޖޭގެ މާކެޓުގައި ޑޮލަރު ލިބުން ދަތިވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރަކަށް ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި މާރު ކުރަން ވަނީ މަޖުބޫރު ކޮށްފައެވެ. އެއާއެކު ބޭންކުތަކަށް ލިބޭ ޑޮލަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
