ނެޓްބޯޅައިން ރާއްޖެ ދެވަނަ ހޯދައިފި

ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ފައިނަލްގައި ޕާކިސްތާނާ ވާދަކޮށް ރަނަރަޕްކަން ހޯދައިފިއެވެ.

ރާއްޖެއަށް ރަނަރަޕްކަން ލިބުނީ ޕާކިސްތާނާ ވާދަކޮށް 60-36 އިން ޕާކިސްތާނު މެޗު ކާމިޔާބުކުރުމުންނެވެ.

މިމުބާރާތުގައި ރާއްޖެއިން ކުޅުނު ހަ މެޗުގެ ތެރެއިން ހަމައެކަނި ބަލިވެފައިވަނީ ޕާކިސްތާނާ ވާދަކުރި ދެ މެޗުންނެވެ. އަދި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމުންވަނީ މިމުބާރާތުގައި ވަރުގަދަ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ރާއްޖެއިން ކާމިޔާބު ކުރި ހުރިހާ މެޗެއްހެން ކާމިޔާބުކޮށްފަވަނީ ބޮޑު ފަރަގަކުންކަން ފާހަގަކޮށްލެވެއެވެ.

އޭޝިއާގެ ގައުމުތައް ދެ ގުރޫޕަކަށް ބަހާލައިގެން، މި މުބާރާތް ކުރިއަށްދިޔައިރު އޭގެ ތެރެއިން ގްރޫޕް އޭ ގައި ހިމެނެނީ ރޭންކިންގެ އެންމެ ކުރީގައި އޮތް ހަ ގައުމެވެ. އެ ގައުމުތަކުން ވާދަކުރާނީ ލީގު ޗެމްޕިއަންކަމަށެވެ. އެއީ އިންޑިއާ، ސްރީލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންގކޮންގއެވެ.

ދެކުނު ކޮރެއާގައި ނިމިގެންދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގެ ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް ދެވަނަ ހޯދުމާއެކު ރާއްޖޭގެ ޖޫނިއާ ނެޓްބޯޅައިގެ މިހާރުގެ ރޭންކިންގ ވަނީ ހަތް ވަނައަށް ކުރިއަށް ޖެހިލާފައެވެ.

މީގެ ކުރިން ރާއްޖެ ހިމެނެނީ އޭޝިއާގެ ރޭންކިންގެ 11 ވަނައިގައެވެ. އެހެންކަމުން ގައުމީ ޖޫނިއާ ނެޓްބޯޅަ ޓީމުން ހޯދި މިކާމިޔާބީއާ އެކު ރާއްޖެއިން މިވަނީ ރޭންކިންގައި ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *