ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. މާލޭގެ ކުރީގެ ކުނި ކޮށި ސަރަހައްދުގައި ބިނާކުރަމުންދާ މި އިމާރާތުގެ ފައުންޑޭޝަން މަސައްކަތް މިއަދު ރަސްމީކޮށް ފެށުނެވެ.
މި އިމާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވަރަށް ޒަމާނީ ސްކޫލެއްގެ ގޮތުގައި ތަރައްޤީކުރާ އިމާރާތެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މާލޭގައި ފުރަތަމަ ފަހަރަށް ސްކޫލެއްގައި އަންޑަރ ގްރައުންޑް ޕާކިންގ ހިމެނޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގައި 200 އަށްވުރެ ގިނަ ސައިކަލާއި ކާރު ޕާކްކުރެވޭނެ ޖާގަ ހުންނާނެއެވެ.
މާފަންނު ސްޓޭޑިއަމްގެ ކައިރީގައި ބިނާކުރާ މި ސްކޫލުގެ ގޯތިތެރެ ކުޑަނަމަވެސް، ސްޓޭޑިއަމް ބޭނުންކުރެވޭތީ ދަރިވަރުންނަށް ކުޅިވަރު ކުޅުމުގައި ދަތިތަކެއް ކުރިމަތި ނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލުގެ ގޯތިތެރޭގައި ދަރުމަވަންތަ ސްކޫލްގައި ހުންނަ މިންވަރަށް ޖާގަ ހުންނާނެކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
10 ބުރީގެ މި އިމާރާތުގައި 42 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓު ހިމެނޭނެއެވެ. މީގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތައް ފުރިހަމަވެފައި ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސްކޫލުގެ ޓެރެސްގައި ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ސިވިލް ސޮސައިޓީތަކަށް ބޭނުންކުރެވޭ ފަދަ ޖާގަ ހުންނާނެއެވެ.
ޢަރބިއްޔާ ސްކޫލްގެ އައު އިމާރާތެއް ތަރައްޤީކުރަނީ ކުރިން އެ ސްކޫލްގެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އައި އިމާރާތް ވަރަށްބޮޑަށް ރެނދުލާ އެ އިމާރާތުގައި ދަރިވަރުން ކިޔަވަން އެކަށީގެން ނުވުމުންނެވެ. އެއަށްފަހު އެ ދަރިވަރުންގެ ކިޔެވުން ކުރިން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އައި އިމާރާތަށް ބަދަލުކުރިއެވެ. ނަމަވެސް އެތަނުގެ ޖާގަ ކުޑަވުމާއި އެހެނިހެން މައްސަލަތަކާއި ހުރެ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ކުރީގެ ދަރުމަވަންތަ ސްކޫލްގައެވެ.
ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް އައު އިމާރަތެއް ހޯދުމަށް މީގެ ކުރިން ކުރި މަސައްކަތުން އޭރުގެ ސަރުކާރުން ނިންމީ ކުރީގެ ބައު ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އެ ސްކޫލްގެ އިމާރާތް އެޅުމަށެވެ. ނަމަވެސް އެ ބިމުން ބައެއް ޖަމާލުއްދީން ސްކޫލަށް ދިނުމާއި އަނެއްކާވެސް ޖާގައިގެ މައްސަލަތައް ދިމާވެ، ދެ ސްކޫލް އެއް ސަރަޙައްދެއްގައި އަޅައިފިނަމަ އެ ސަރަޙައްދަށް ބާރު ބޮޑުވާނެތީވެ ޢަރަބއްިޔާ ސްކޫލްގެ އައު އިމާރާތް ޢިޔާޒުއްދީން ސްކޫލްގެ ބިތްދޮށުގައި އޮންނަ 381 ނަމްބަރުކޮށި އޮންނަ ބިމުގައި އެޅުމަށް މި ސަރުކާރުން ނިންމިއެވެ.
