ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ޓެސްޓުތަކެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓެސްޓުތަކެއް އެމްއޭސީއެލްއިން ކުރިއަށް ގެންގޮސްފިއެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެއްކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ވަކި ތާވަލަކަށް ބަހާލައިގެން އާ ޓަރމިނަލްގެ ޚިދުމަތްތައް ތަޖުރިބާކުރުމުގެ ޓްރަޔަލްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓްރަޔަލްއެއް މިވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޓްރަޔަލް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދެވެ. މި ޓްރަޔަލް ކުރިއަށްދިޔަ ގޮތް ގާތުން ބައްލަވާލެއްވުމަށް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޓްރަޔަލްއަށްފަހު ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފު ވިދާޅުވީ, މިއީ އެމްއޭސީއެލް އާއި ރާއްޖޭގައި ހަޔާތުގައި މުހިންމު އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށް އުފާވެރިކަމެއް ލިބިގެންދާނެ ކަމެއްކަމަށެވެ. އެގޮތުން މީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަސެންޖާ ބޯޑިން ބްރިޖަކުން ފަސިންޖަރުން ޓާމިނަލަށް ބޭލޭނެ ގޮތް ކަށަވަރު ކުރި ދުވަސް ކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ އެއާބަސް އޭ330ގެ މަތިންދާބޯޓަކާއި އޭ320ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ 12 އޭރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ވަނީ ބޭނުންކޮށްފައެވެ. އޭގެ އިތުރުން އާ ޓާމިނަލް އާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިންގ ސިސްޓަމް (އޭވީޑީޖީއެސް) ވެސް ވަނީ ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފައެވެ. މިއީ ދުބާއީ, ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ, ދުނިޔޭގެ އެންމެ އެޑްވާންސް މި ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރުކަންވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *