ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދާނީ އެފްޑީސީން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފް.ޑީ.ސީއިންކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރަނގަޅު އިންތިޒާމުތަކަކާއެކު އަންނަ ހަފްތާގެތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓު ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް އެވުޒާރާއިން ފަށާފައިވާކަމަށެވެ.

އެގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެފް.ޑީ.ސީއިންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެކަމަށެވެ. އަދި މިގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް އެވުޒާރާއިން ނުވަތަ އެފް.ޑީ.ސީއިން ނުގުޅާނެކަމާއި، އެފަދަ ފޯނު ކޯލުތަކާއި އެސް.އެމް.އެސްތަކަށް ހުރިހާ ފަރާތްތަކަކުން ސަމާލުވުމަށްވެސް އެވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ބުންޏެވެ. ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކުރި ނަމަވެސް މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ.

އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދާއިރު، ހުށަހެޅި ލިއުންތަކަށް ވެރިފައިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ނުލިބޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *