ހައިކޯޓަށް އަލަށް އައްޔަންކުރެވުނު ދެ ފަނޑިޔާރުންގެ ހުވާކުރުން މާދަމާ ރޭ 8:30 ގައި ބޭއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. މިކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ޖޭއެސްސީން ވަނީ މީޑިއާތަކަށް ދައުވަތު ފޮނުވައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެކަން އަންގާފައެވެ.
ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ބަދަލުވުމުން ހައިކޯޓުގައި ހުސްވި ދެ މަގާމަށް 17 ފަރާތަކުން ކުރިމަތިލިއެވެ. ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނިންމީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ މަގާމުތަކަށް އައްޔަންކުރުމަށެވެ.
އައްޔަންކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލި ވަކީލް އަހުމަދު ނައުޝާދެވެ. މައްސަލަ ނިމެންދެން އައްޔަންކުރުން ފަސްކުރުމަށް ވަގުތީ އަމުރަކަށް ވެސް އޭނާ އެދިފައިވެއެވެ.
ނައުޝާދު މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިޔާސީ މަގާމެއް އަދާކުރި ފަރާތަކަށް ފަނޑިޔާރުކަމުގެ މަގާމުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރެވޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ޝަރުއީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ގިނަ ބޭފުޅުން ކުރިމަތިލާފައިވާއިރު، އަމިއްލަ ކުންފުންޏެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކު ފަނޑިޔާރަކަށް އައްޔަންކުރުން އެކަށީގެންނުވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ހައިކޯޓުގެ މި ދެ މަގާމަށް ކުރިމަތިލި 17 ފަރާތުގެ ތެރޭގައި ދަށު ކޯޓުތަކުގެ އެތައް ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނެއެވެ. ނަމަވެސް ޖޭއެސްސީން ވަނީ ސިޔާސީ މަގާމެއް އަދާކުރި ފަރާތަކާއި އަމިއްލަ ދާއިރާގައި ވަކީލުކަން ކުރި ފަރާތަކު އައްޔަންކުރުމަށް ނިންމާފައެވެ.
އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާއިރު، ސެޕްޓެމްބަރު 23 2003 އިން ޖެނުއަރީ 31، 2009 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި ފެބްރުއަރީ 1، 2009 އިން ފެބްރުއަރީ 21، 2019 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީގެ މަގާމް އަދާކުރައްވާފައިވެއެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު ޖަމީލް މޫސާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.
ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޖުލައި 30، 2018 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 23، 2023 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ މުހައްމަދު ޝަހީދު ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައެވެ. ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުހައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
