އުއްތަމަ ފަނޑިޔާރަކަށް ޢަބްދުލްޣަނީ އައްޔަނު ކުރަން ލަފާދެނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވާފިއެވެ.

މި މަގާމު ހުސްވެފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިދިޔަ މަހުގެ 21 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ހަމަ އެ ދުވަހު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވައިލި ފުރުސަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހަށް ހަމަވިއިރު އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ތިން ފަރާތަކުންނެވެ. އެއީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

މިއަދު ތިން ކެންޑިޑޭޓުންނާ އިންޓަވިއު ކުރުމަށްފަހު ޖޭއެސްސީން ތައްޔާރުކުރި ތަރުތީބު ލިސްޓުގައި އެންމެ މަތީގައި އޮތީ އަބްދުލްޣަނީ މުހައްމަދުގެ ނަންފުޅެވެ. ލިބިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ދެވަނައަށް އަބްދުﷲ ގާޒީ އަދި ތިންވަނައަށް ޝުޖާއު އުސްމާންގެ ނަންފުޅު ވަނީ ތަރުތީބުކޮށްފައެވެ.

އަބްދުލްޣަނީ މުހައްމަދާއި ޝުޖާއު އުސްމާން ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް ވެސް ކުރިމަތިލައްވާފައެވެ. އެހެންނަމަވެސް އެ މަގާމުތަކަށް އައްޔަންކުރެވުނީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގައި ޢަމަލުކުރާ އުސޫލުގެ ދަށުން، ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅު މަޖިލީހުން ފާސްކޮށްގެން މެނުވީ އައްޔަނެއް ނުކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންފުޅު ފޮނުއްވާއިރު ޖޭއެސްސީން ފޮނުވި ތަރުތީބާ ޚިލާފަށް އެހެން ތަރުތީބަކުން ނަންފުޅު ފޮނުއްވުމުގެ އިޚްތިޔާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *