ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ބަނދަރު ފާރު އެޅުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ހަރުކުރުމުގެ މަސައްކަތްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ބަނދަރުގެ 35 އިންސަންތަ މަސައްކަތް ވަނީ ނިމިފައެވެ.
މީގެ 30 އަހަރު ކުރިން އޭދަފުށީ ރައްޔިތުންގެ ބުރަ މަސައްކަތުން ތަރައްޤީ ކުރި ބަނދަރު ފުރި، ބަނދަރު ބޭނުން ކުރުމުގައި އެކިކަހަލަ ގޮންޖެހުންތަކާ އައީ ކުރިމަތިވަމުންނެވެ. އަތޮޅުގެ ވިޔަފާރީގެ މައިހަބެއްގެ ގޮތުގައި އޮންނަ އޭދަފުށީ ބަނދަރަކީ އަތޮޅުގެ އެހެން ރަށްރަށުން އެތައް އުޅަނދެއް ވަދެ ނުކުމެ ހަދާ ބަނދަރެކެވެ. ވިޔަފާރި މުދާ އަރުވާ ބޭލުމަށް ވަކި ސަރަހައްދެއް ކަނޑައެޅިފައި ނެތީވެސް ބަނދަރުގެ ޖާގަ ނެތުމުންނެވެ. ނަމަވެސް މިހާރު ކުރިއަށްދާ ބަނދަރުގެ މަޝްރޫއު ނިމުމުން ރަށު ރައްޔިތުންނަށްށާއި، ބ. އަތޮޅުގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑު ފަސޭހައެއްވާނެއެވެ.
ރަށުގެ ހުޅަނގުފަރާތުގައި ތަރައްޤީ ކުރާ މިބަނދަރުގެ މަސައްކަތުގެ ދަށުން، 303 މީޓަރުގެ އެއްގަމު ތޮށިލުމާ 371 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓާއި 18 މީޓަރުގެ ކޮންކްރީޓް ބުރިޖާއި، 119 މީޓަރުގެ ބޮޑު ހިލަ ބޭރުތޮއްޓާއި، 63 މީޓަރުގެ ނެރުފައިކަށި، 5490 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމެންޓަކާއި ބަނދަރު ބައްތި އަދި ނެރު ބައްތި ގާއިމް ކުރުން ހިމެނެއެވެ.
