އޭދަފުށީގައި 1000 ހައުސިން ޔުނިޓް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް

އޭދަފުށީގައި ބިނާކުރުމަށް ނިންމާފައިވާ 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އޭދަފުއްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 7 ރަށުގެ ތެރެއިން 1 ރަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރިޔާސީ މެނިފެސްޓޯގައި ރާއްޖޭގެ ތަރައްްޤީއަށް، މެދު ރާސްތާ އަދި ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލާފައިވާކަމަށާއި، އެ ޕްލޭން ރައްޔިތުން ބަލައިގަނެފައިވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި ރަށްރަށް ތަރައްޤީކުރުމާއި، އެކި ސަރަހައްދުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުންކަމަށް ރައީސް ވިދާޅުވިއެވެ. މީގެތެރޭގައި އާބަން ސެންޓަރުތައްވެސް ޤާއިމްކުރުން ހިމެނޭކަމަށާއި، އޭގެތެރެއިން އެއް އާބަން ސެންޓަރަކީ އޭދަފުށިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވެރިކަމުގެ ފުރަތަމަ އަހަރު އިޤްތިޞާދީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ތަކުރާރުކުރައްވަމުން ވިދާޅުވީ ފުރަތަމަ އަހަރު ތަރައްޤީ ގެންދެވުނީ އެމަނިކުފާނު ބޭނުންފުޅުވި ބާރުމިނުގައި ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުން މިހާރު ކުރިއެރުންތަކެއް ލިބިފައިވާތީ، ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްއޮތްތަނުގައި ބާރު ސްޕީޑުގައި ކުރިއަށްގެންދެވޭނެކަމަށް ވިދާޅުވިއެވެ.

އޭދަފުށީގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށެވެ.

ސަރުކާރުން ވަނީ އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައެވެ. އެ މަޝްރޫޢުއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަަރު ފަށްޓަވާނެކަމަށެވެ. އަދި މިދައުރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *